ވިޔަފާރި

ބެންކަށް ނުގޮސް، ބޭނުންތަނެއްގައި ހުރެގެން އެމްއައިބީގެ އެކައުންޓް މިހާރު ހުޅުވޭނެ


  • ބޭންކެއްގެ ބްރާންޗެެއް ނެތްނަމަ ބެންކް އެކައުންޓެއް ހުޅުވުމަކީ ތަކްލީފެއް

  • ބޭނުން ކޮންމެތަނެއްގައި ހުރެގެން ބެންކު އެކައުންޓު ހުޅުވުމުގެ ހިދުމަތަކީ އިންގިލާބީ ބަދަލެއް

  • އެމްއައިބީ އެވްރީޑޭ ވިސާ ކާޑު އަދި އެމްއައިބީ ވިސާ ޕްލެޓިނަމް ކާޑަކަށްވެސް އެދެވޭނެ

  • އިންޓަނެޓް ބޭންކިންއަށް އަމިއްލައަށް ރަޖިސްޓްރީކުރެވޭނެ

ބޭންކަށް ނުގޮސް، ބޭނުން ކޮންމެތަނެއްގައި ހުރެގެންވެސް ބެންކުު އެކައުންޓް ހުޅުވުމުގެ ހިދުމަތް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ރާއްޖެއަށް މި ހިދުމަތް ތައާރަފްކުރީ މޯލްޑިވްސް އިސްލާމިކް ބެންކު، އެމްއައިބީންނެވެ.

ބޭންކު އެކައުންޓް ހުޅުވުމުގެ ހިދުމަތް ރާއްޖޭގައި މިހާތަނަށް ލިބެނީ، އެކައުންޓް ހުޅުވަން ބޭނުންވާ މީހަކު ބޭންކަށް ދިއުމުންނެވެ. ޖަޒީރާ ރަށްތަކެއްގެ މައްޗަށް އޮންނަ ރާއްޖޭގައި އެ މީހަކު ހުންނަ ރަށެއްގައި ބޭންކެއްގެ ބްރާންޗެެއް ނެތްނަމަ ބެންކް އެކައުންޓެއް ހުޅުވުމަކީ ތަކްލީފެކެވެ.

މާލީ މުއާމަލާތްތައް ޑިޖިޓަލްކޮށް ހިނގާ ޒަމާނެއްގައި، ބޭނުން ކޮންމެތަނެއްގައި ހުރެގެން ބެންކު އެކައުންޓު ހުޅުވުމުގެ ހިދުމަތް ތައާރަފްވެގެން ދިއުމަކީ ރާއްޖެގެ ފަދަ ޖަޒީރާ ގައުމެއްގެ ބެންކިންގ ނިޒާމަށް އެމްއައިބީން ގެނެސްދިން އިންގިލާބީ ބަދަލެކެވެ.

ބޭންކަށް ނުގޮސް، ކޮންމެތާކު ހުރެގެންވެސް އެމްއައިބީގެ އެކައުންޓެއް ހުޅުވުމަށް ތައާރަފްކުރި ހިދުމަތަށް ދިވެހި ސަރުކާރުގެ އެކި ހިދުމަތް ހޯދުމަށް ބޭނުންކުރާ "އީފާސް" މެދުވެރިކޮށް "އެމްއައިބީ އެޕްލައިނައު ޕޯޓަލް" އިން މިހާރު އެކައުންޓް ހުޅުވުމަށް އެދެވޭނެކަމަށް އެމްއައިބީން ބުނެއެވެ. އަދި އެކައުންޓް ހުޅުވުމަށް އެދުމުން ބޭންކުން ވީޑިއޯ ވެރިފިކޭޝަން އެއް ހެދުމަށްފަހު އެކައުންޓް ހުޅުވައިދޭނެކަމަށްވެސް ބެންކުން ބުނެއެވެ. އަދި ހަމަ އެ ފޯމު މެދުވެރިކޮށް އެމްއައިބީ އެވްރީޑޭ ވިސާ ކާޑު އަދި އެމްއައިބީ ވިސާ ޕްލެޓިނަމް ކާޑަކަށްވެސް އެދެވޭނެކަމަށް އެމްއައިބީން ބުނެއެވެ.

އެކައުންޓް ހުޅުވުމުން އެމްއައިބީ ފައިސާނެޓް ނުވަތަ މޮބައިލް އެޕް-ފައިސާ މޮބައިލް މެދުވެރިކޮށް އިންޓަނެޓް ބޭންކިންއަށް އަމިއްލައަށް ރަޖިސްޓްރީކުރެވޭނޭކަަމަށްވެސް އެމްއައިބީން މައުލޫމާތު ދެއެވެ.

މި ފަސޭހަތަކާއެކު ރާއްޖޭގައި އެނެމް ފަސޭހައިން އިތުބާރާއިއެކު ބޭންކިން ހިދުމަތް ދޭ ބޭންކަށް އެމްއައިބީ ވާނެކަމަށް އެމްއައިބީން ގަބޫލުކުރެއެވެ.