ކުޅިވަރު

ސައުދީގެ ޗެމްޕިއަން އަލް އިއްތިހާދާ ގުޅެން ކާންޓޭ ނިންމައިފި


އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީއަށް ކުޅެމުން އައި ފްރާންސްގެ ތަޖުރިބާކާރު މިޑްފީލްޑަރ އެންގޯލޯ ކާންޓޭ، ސައުދީ އަރަބިއްޔާގެ ޗެމްޕިއަން އަލް އިއްތިހާދަށް ބަދަލުވާން ނިންމައިފިއެވެ.

ޗެލްސީ އާއި އެކު ކާންޓޭ ހަދާފައިވާ އެއްބަސްވުން މިމަހުގެ ނިޔަލަށް ހަމަވާނެއެވެ. މިނިމުނު ސީޒަންގައި އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނު ކާންޓޭއަށް ޗެލްސީގެ ޖާރޒީގައި ކުޅެވުނީ 9 މެޗެވެ. އަދި މިދިޔަ އަހަރުގެ ފަހު ކޮޅު ބޭއްވި ފީފާ ވާރލްޑް ކަޕްގައިވެސް އަނިޔާގެ ސަބަބުން ކާންޓޭއަށް ކުޅެވޭގޮތެއްނުވިއެވެ.

ކާންޓޭ ވަނީ އިނގިރޭސި ޕްރިމިއަރ ލިގުގައި ކާމިޔާބު ސީޒަންތަކެއް ހޭދަކޮށްފައެވެ. އެގޮތުން 2015-2016 ވަނަ ސީޒަންގައި ލެސްޓަރ ސިޓީއަށް ޕްރިމިއަރ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރިއިރު ޗެލްސީއަށް ބަދަލުވެ އެޓީމާއެކުވެސް ވަނީ ޕްރިމިއަރ ލީގުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން 2018 ވަނަ އަހަރު ފަރަންސޭސީން ފީފާ ވާރލްޑް ކަޕް ކާމިޔާބުކުރިއިރު އެޓީމްގައިވެސް ކާންޓޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މައުލޫމާތުލިބޭގޮތުގައި ކާންޓޭ އަލް އިއްތިހާދަށް ސޮއިކޮށްފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 86 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ކާންޓޭ އަލް އިއްތިހާދަށް ބަދަލުވާއިރު އެޓީމަށް ވަރަށް ފަހުން ވަނީ ފަރަންސޭސިވިލާތުގެ ތަޖްރިބާކާރު ކުޅުންތެރިއެއް ކަމަށްވާ ކަރީމް ބެންޒީމާވެސްވަނީ އަލް އިއްތިހާދަށް ބަދަލުވެފައެވެ. ރެއާލް މެޑްރިޑާއެކު ކާމިޔާބު ސީޒަންތަކެއް ހޭދަކޮށްފައިވާ އެޓީމުގެ ކެޕްޓަންކަންވެސް ކުރަމުންދިޔަ ބެންޒީމާވަނީ އަލް އިއްތިހާދާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ދުނިޔޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯވެސް ސައުދީ ލީގުގައި މިހާރު އަންނަނީ ކުޅެމުންނެވެ.