 
										
			މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު އިވާން ވެންކޯވް މަޤާމުން ވަކިވެއްޖެއެވެ. 
މި ސީޒަންގައި މާޒިޔާއާ ހަވާލުވި ސާބިއާގެ އިވާން ވަނީ މާޒިޔާއާއެކު، ޕްރެޒިޑެންޓްސް ކަޕް އަދި ޗެރިޓީ ޝީލްޑް އުފުލާލާފައެވެ. 
މާޒިޔާގެ ކޯޗު ކަމުން އިވާން ވަކިވިއިރު، މި ސީޒަންގައި މާޒިޔާއިން ކުޅުނު 8 މެޗުގެ ތެރެއިން ހަތް މެޗުން ވަނީ މޮޅުވެފައެވެ. ބަލިވީ ޕްރެޒިޑެންޓްސް ކަޕުގައި ބުރު ސްޕޯޓްސް ކުލަބް އަތުންއެކަންޏެވެ. 
މާޒިޔާއިން ނެރުނު ބަޔާނުގައި ބުނީ އިވާންއާއެކު ބޭއްވުނު މަޝްވަރާތަކަށްފަހު ދެފަރާތް އެއްބަސްވެވޭ ގޮތަށް ކޮންޓްރެކްޓް ނިމުމަކަށް ގެނަސްފައިވާ ކަމަށެވެ. އަދި އިވާން ކޮށްދެއްވި މަސައްކަތްތަކަށް އެކުލަބުން ވަނީ ޝުކުރުއަދާކޮށްފައެވެ. 
މިދިޔަ ތިން ސީޒަނުގައި ކަހަލަ ގޮތަކަށް މާޒިޔާއިން ވަނީ ސީޒަންގެ ކުރީކޮޅު ކޯޗު ބަދަލުކޮށްފައެވެ. 
މާޒިޔާއިން އެ ޓީމަށް އައު ކޯޗެއް ހޯދުމަށް މަސައްކަތްކުރަމުން އަންނައިރު، މި ވަގުތު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލާފައި އޮތީ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށެވެ. އެ މުބާރާތަށް ފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު ސީޒަން އަލުން ފަށާނެއެވެ.