އޭޝިޔާ ބައްރުގެ އިސްލާމީ ޤައުމަތަކުގެ ޡަޤާފީ ވެރިރަށުގެ ގޮތުގައި މާލެ ހިމަނާފައިވާތީ، މިކަން ޤައުމީ ފެންވަރެއްގައި ފާހަގަކުރެއްވުމުގެ ގޮތުން ހަރަކާތްތަކެއް ރާއްވަވާ ހިންގެވުމަށް ޤައުމީ ފެންވަރުގެ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ.
އިސްލާމިކް އެޑިއުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން، އިސެސްކޯ އިން މިއަހަރު އޭޝިއާ ބައްރުގެ އިސްލާމީ ޤައުމުތަކުގެ ޘަގާފީ ވެރިރަށުގެ ގޮތުގައި މާލެ ސިޓީ ހިމަނާފައިވާތީ، ރާއްޖޭގައި މިކަން ފަޚްވެރިކަމާއެކު ފާހަގަކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިކަމާ ގުޅިގެން އެކުލައްވާލައްވާފައިވާ ސްޓިއަރިންގެ ކޮމިޓީގެ ޗެއާރމަން އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ޤައުމީ ފެންވަރުގައި ޙަރަކާތްތަށް ފެށުމުގެ ގޮތުން އިސެސްކޯއާއި ކަމާގުޅޭ ދައިރާތަށް ގުޅިގެން އަންނަ މަހުގެ ތެރޭގައި ޖަލްސާއެއް ބޭއްވެވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެޖަލްސާގައި ބައިނަލްއަޤްވާމީ މައިދާނުގައި ޡަޤާފީ ވެރިރަށުގެ ގޮތުގައި މާލެ ޕްރޮމޯޓްކުރެއްވުމުގެ ގޮތުން ހިންގެވުމަށް ކަނޑައަޅުއްވާ ޙަރަކާތްތައް އިޢުލާންކުރެވިގެންދާނެ ކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ.
އިސެސްކޯއިން އޭޝިޔާ ބައްރުގެ އިސްލާމީ ޤައުމުތަކުގެ ޘަގާފީ ވެރިރަށުގެ ގޮތުގައި މާލެ ހިމެނުމުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ. އެގޮތުން އިސްލާމީ ދުނިޔޭގައި ރާއްޖޭގެ ހައިބަތު ފުޅާވެ އިތުރުވުމާއި، ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި އިސްލާމީ ޡަޤާފަތަށް އަޙުލުވެރިވުމާއި، އިތުރަށް އިސްލާމީ ޤައުމުތަކުގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ. އިސެސްކޯއިން އޭޝިޔާ ބައްރުގެ އިސްލާމީ ޤައުމުތަކުގެ ޘަގާފީ ވެރިރަށުގެ ގޮތުގައި މާލެ ހިމެނުމުން، އެކަން ފާހަގަކުރެއްވުމަށް އެކުލަވާލައްވާ ފައިވާއިވާ ސްޓިއަރިން ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، އިސްލާމިކް މިނިސްޓްރީއާއި، ޔޫތް މިނިސްޓްރީއާއި، ޓޫރިޒަމް މިނިސްޓްރީއާއި، ހައުސިންގ މިނިސްޓްރީއާއި، ދިވެހި ބަހުގެ އެކަޑަމީއާއި، ޑިޕާރޓްމަންޓް އޮފް ހެރިޓޭޖާއި، އެމް.އެން.ޑީ.އެފްގެ އިތުރުން ޕީއެސްއެމްއެވެ. އިސެސްކޯއިން އޭޝިޔާ ބައްރުގެ އިސްލާމީ ޤައުމުތަކުގެ ޘަގާފީ ވެރިރަށުގެ ގޮތުގައި މިއަހަރު މާލެ ހިމެނުމަށް ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.