ކުޅިވަރު

ސެމީއަށް ދިޔުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން: ކަބްރޭރާ


އިންޑިއާގެ ބެންގަލޫރުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް 2023 އަށް ކަނޑައަޅާފައިވައިވާ މައިގަނޑު އަމާޒަކީ ސެމީ ފައިނަލް ކުޅުން ކަމަށާއި، އެކަން ހާސިލުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބަންގްލަދޭޝްގެ ކޯޗު ހަވިއޭ ކަބްރޭރާ ބުނެފިއެވެ.

އަންނަ ބުރާސްފަތި ދުވަހު ލުބްނާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކަބްރޭރާ ބުނީ މިފަހަރު ބަންގްލަދޭޝްއިން ހެމެނުނީ ވަރަށް އުނދަގޫ ގްރޫޕެއްގައި ކަމަށެވެ. އެކަމަކު ބަންގްލަދޭޝް ޓީމުގައި ސާފް ޗެމްޕިއަންޝިޕާއި ދިމާކޮށް އުފެދިފައި އޮތީ ތަފާތު ރޫހެއް ކަމަށް ކަބްރޭރާ ބުންޏެވެ.

ކަބްރޭރާ ބުނީ ބަންގްލަދޭޝް ޓީމުގައި ހާއްސަ ރޭވުންތަކެއް އެބަހުރި ކަމަށާއި، އެ ރޭވުންތަކާއެކު ހާސިލްކުރަން ބޭނުންވާ ޓާގެޓަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކަބްރޭރާ ބުންޏެވެ.

ކަބްރޭރާ އިތުރަށް ބުނީ ބެންގަލޫރުގައި ކުޅޭއިރު، ހުރިހާ ޓީމަށްވެސް އޮތީ އެއް އެޑުވާންޓޭޖެއް ކަމަށެވެ. އެގޮތުން މި މާހައުލަކީ ހުރިހާ ޓީމެއްވެސް ފިޓް މާހައުލެއް ކަމަށް ކަބްރޭރާ ބުންޏެވެ.

ގްރޫޕް ބީގައި ބަންގްލަދޭޝްގެ އިތުރުން ދެން ހިމެނެނީ ރާއްޖެ، ލެބްނަން އަަދި ބޫޓާންއެވެ.