ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ނ. ހޮޅުދޫ އިންޑޯ ބެޑްމިންޓަން ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރައްވައިފިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ހޮޅުދޫ އިންޑޯ ބެޑްމިންޓަން ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ސީ އަރކް ޕްރައިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ފުވާދެވެ. އަދި ސީ އަރކް ޕްރައިވެޓް ލިމެޓެޑުގެ ފާރަތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ސިރާޖެވެ.
މި މަސައްކަތް އެ ކުންފުންޏާ ޙަވާލުކުރެއްވީ މަސައްކަތް ފަށާތާ 240 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މި މަޝްރޫއަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ހަތަރު މިލިޔަން ނުވަދިހަ ހަތްހާސް ހަސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ފަންސާސް ދެލާރި ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.