ކުޅިވަރު

އެފްރިކާ ކަޕް އޮފް ނޭޝަންސްއަށް ނައިޖީރިއާ ކޮލިފައިވެއްޖެ


އެފްރިކާ ކަޕް އޮފް ނޭޝަންސް 2023 އިން ނައިޖީރިއާ ޖާގަ ހޯދައިފިއެވެ.

މުބާރާތަށް ނައިޖީރިއާ ކޮލިފައިވީ ސިއެރަ ލިއޯން އާއި ބައްދަލުކުރިމެޗް 3 ލަނޑު 2 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

ސިއެރަ ލިއޯންގައި ބައިނަލްއަޤްވާމީ ފެންވަރުގެ ދަނޑެއް ނެތުމުގެ ސަބަބުން ލައިބީރިއާގައި ކުޅުނު މިމެޗް ނައިޖީރިއާއަށް ކާމިޔާބު ކުރެވިގެންދިޔައީ އިތުރު ވަގުތުގައި ކާމިޔާބު ކުރެވުނު ލަނޑަކާއެކުއެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 19 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ނައިޖީރިއާއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ވިކްޓަރ އޮސިމްހެންެެއެވެ. އަދި މެޗްގެ 32 ވަނަ މިނެޓްގައި އޮސިމްހެން ވަނީ އިތުރު ލަނޑެއް ޖަހާ ނައިޖީރިއާގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ މިފަހަރުގެ ކޮލިފައިންގގައި އޭނާ ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ. މިއާއެކު އޮސިމްހެން އުޅެނީ ލަނޑު ޗާޓުގެ އެންމެ ކުރީގައެވެ.

މެޗްގައި ސިއެރަ ލިއޯންއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 41 ވަނަ މިނެޓްގައި ޖަހާދިނީ މުސްތަފާ ބުންޑޫއެވެ. އަދި މެޗްގެ 84 ވަނަ މިނެޓްގައި އޮގަސްޓަސް ކާރގްބޯ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމާއެކު މިމެޗް އެއްވަރު ވެގެން ނިމިދާނެކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔައެވެ. ނަމަވެސް ނައިޖީރިއާއިން ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ކެލޭޗީ އިއަނާޗިއޯ ލަނޑެއް ޖަހާ މިމެޗުން ނައިޖީރިއާ މޮޅުކޮށްދިނުމެވެ.

މި ކާމިޔާބީއާއެކު ނައިޖީރިއާއަށް މިހާރުވަނީ ގްރޫޕް އޭގައި ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ލިބި ގްރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވުމުން ސިއެރަ ލިއޯން އަށް އެފްކޯޗްއިން ޖާގަހޯދުމުގެ ފުރުސަތު ލިވަނީ ގެންލިގެން ގޮސްފައެވެ. އަދި މި ނަތީޖާއާއެކު ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ގިނީ ބިސާއޮވެސް މިވަނީ މިއަންނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތަށް ކޮލިފައިވެފައެވެ.

ޖުމްލަ 24 ޓީމްގެ މެދުގައި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 އިން ފެބްރުއަރީ މަހުގެ 11 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެފްރިކާ ކަޕް އޮފް ނޭޝަންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޯޓެޑިއުއަރގައެވެ. މިމުބާރާތް އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިއޮތީ މިއަހަރުގެ ޖޫން ޖުލައި މަހުގެ ތެރޭގައެވެ. ނަމަވެސް މިދުވަސްވަރަކީ ކޯޓެޑިއުއަރއަށް މޫސުން ގޯސް ދުވަސްވަރެއް ކަމުން މުބާރާތް ބާއްވާ ދުވަސް އަންނަ އަހަރަށް ފަސްކުރީއެވެ.