ކުޅިވަރު

ވޭލްސް ބަލިކޮށް ތުރްކީޔޭ އެއްވަނައަށް


ޔޫރޯ 2024 ކޮލިފައިން ގްރޫޕް ޑީގައި ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗު ތުރްކީޔޭއިން ކާމިޔާބުކޮށްފިއެވެ.

ތުރްކީޔޭގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގެ ކުރީކޮޅު ތުރްކީޔޭއަށް ލީޑު ލިބިގެންދިޔަ ކަމަށް ހީވިނަމަވެސް މެޗްގެ ނުވަވަނަ މިނެޓްގައި ވޭލްސްގެ ކްރިސް މެފާމް ފައިގާ ޖެހިފާ ބައިކޮޅަށް ވަން ލަނޑު ވީއޭއާރުން ވަނީ އޮފް ސައިޑް ކަމަށް ނިންމާފައެވެ. މިއާއެކު މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓިމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.

ނަމަވެސް ފުރަތަމަ ހާފް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ވޭލްސްގެ ޖޯ މޮރެލް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗްގެ ބާކީ ބައި ވޭލްސްއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. މިމެޗްގެ 64 ވަނަ މިނެޓްގައި ތުރްކީޔޭއަށް ޕެނަލްޓީއެއްވެސް ލިބިގެންދިޔައެވެ. ނަމަވެސް ހަކާން ޗަލަނޮގްލޫ ފޮނުވާލި ޕެނަލްޓީ ވަނީ ވޭލްސް ކީޕަރ ދިފާއުކޮށްފައެވެ.

މި މެޗްގައި ދެންވެސް ފެނިގެންދިޔައީ ތުރްކީޔޭއިން ޖެހި ލަނޑެއް ލަނޑެއް ނޫން ކަމަށް ވީއޭއާރުން ނިންމި ތަނެވެ. އުމުޓް ނަޔީރު ވޭލްސްގެ ގޯލަށް ވައްދާލި ބޯޅަ ވީއޭއާރުން ބެލުމަށްފަހު ވަނީ އޭނާ ބޯޅަ ކޮންޓްރޯލް ކުރިއިރު އޭނާގެ އަތް ބޭނުންކުރި ކަމަށް ނިންމާފައެވެ. މިމެޗުގައި ތުރްކިޔޭ ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ޖަހާދިނީ ނަޔީރުއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ އަރްޑާ ގުލަރއެެވެ.

މި ކާމިޔާބީއާއެކު ތުރްކިޔޭ މިހާރު އުޅެނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. އަދި ވޭލްސް އުޅެނީ ހަތަރު މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ހަތަރު ވަނައިގައެވެ. މިގްރޫޕްގައި އާމީނިއާ އާއި ލެޓްވިއާ ބައްދަލުކުރިމެޗް 2 ލަނޑު އެއްލަނޑުން ކާމިޔާބުކޮށް އާމީނިއާ މިހާރުވަނީ 6 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ.