އިނގިރޭސި ޕްރިމިއަރ ލީގުގެ ބޯންމަތުގެ އައު ކޯޗަކަށް ސްޕެއިނުގެ އަންޑޯނީ އިރައޯލާ ހަމަޖައްސައިފިއެވެ.
މައުލޫމާތުލިބޭގޮތުގައި މޯންމޯތުން އިރައޯލާ އެމަގާމަށް ގެނެސްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ބޯންމޯތުންވަނީ ނިމިދިޔަ ސީޒަންގައި މޯންމޯތު ސަލާމަތުގެ އަންސޭރިއަށް ގެނެސްދިން ކޯޗު ގެރީ އޯނީން އިއްޔެގެ ވަގުތެއްގައި މަގާމުން ވަކިކޮށްފައެވެ. އުމުރުން 40 އަހަރުގެ އިރައޯލާ މިހާތަނަށް ހުރީ ސްޕެނިޝް ލަލީގާގެ ރަޔޯ ވަޔަކާނޯގެ ކޯޗަކަށެވެ. ނަމަވެސް ނިމިދިޔަ ސީޒަނާއެކު އޭނާ ވަޔަކާނޯއާއެކު ހަދާފައިވާ އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފައެވެ.
ބޯންމޯތުގެ ޗެއާމަން ބިލް ފޯލޭ ހާމަކުރިގޮތުގައި އިރައޯލާ އެޓިމްގެ ކޯޗުގެ މަގާމަށް ގެނަވުމުން ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. އަދި އޭނާ ގެންގުޅޭ ކުޅުމުގެ ވައްޓަފާޅި އާއި އޭނާ ސްޕެއިންގައި ހޯދާފައިވާ ކާމިޔާބީތަކަކީ އިރައޯލާ މިމަގާމަށް ގެނައުމަށް ބޭނުންވި ސަބަބު ކަމަށްވެސް ފޯލޭ ހާމަކުރިއެވެ. އިރައޯލާ ވޭތުގެދިޔަ ތިން އަހަރު ހޭދަކޮށްފައިވަނީ ވަޔަކާނޯގައެވެ. އަދި ނިމިދިޔަ ސީޒަން އެޓީމް ނިންމާލީ ލަލީގާގެ 11 ވަނައިގައި އޮވެގެންނެވެ.
އިރައޯލާގެ ކޯޗުކަމުގައި ވަޔަކާނޯ ވަނީ މިދިޔަ ދެ ސީޒަންގައި ފާހަގަކޮށްލެވޭ ނަތީޖާތަކެއް ނެރެފައެވެ. މިގޮތުން މިދިޔަ ސީޒަންގައި އެޓީމުންވަނީ ޗެމްޕިއަން ރެއާލް މެޑްރިޑާއި ސެވިއްޔާ އަދި ވިޔަރެއާލް ބަލިކޮށް އަދި މިފަހަރުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ އާއި އެޓްލެޓިކޯ މެޑްރިޑް އަތުން ބަލިވުނެ ސަލާމަތްވެފައެވެ. އަދި އޭގެ ކުރީ ސީޒަންގައި ވަޔަކާނޯއިން ވަނީ އެކްލަބްގެ ތާރީހްގައި ފުރަތަމަ ފަހަރަށް ލީގުގައި ކުޅުނު ދެމެޗުންވެސް ބާސެލޯނާ ބަލިކޮށްފައެވެ.
އިރައޯލާ ބޯންމޯތާއެކު މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ސީޒަން ބްރޭކަށްފަހު އަންނަ މަހުއެވެ.