ޚަބަރު

ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކޮށް، މެންބަރުންގެ ޢަދަދު 7އަށް މަދުކުރަން ހުށައަޅުއްވައިފި


ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އެ ކޮމިޝަންގެ މެންބަރުންގެ ޢަދަދު މަދުކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށައަޅުއްވައިފިއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ކުރައްވާމަސައްކަތްތަކާއި ގުޅޭގޮތުން ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ޤާނޫނުއަސާސީއަށާއި، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް އެކުލެވޭ 2 ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ފޮނުއްވާފައިވާކަމަށެވެ. މިގޮތުން، ޖޭއެސީއަށް ގެންނަވާ މައިގަނޑު ބަދަލަކީ، އެކޮމިޝަންގެ މެންބަރުންގެ ޢަދަދަކީ 7 ކަމުގައި ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ކަނޑައެޅުންކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

މިގޮތަށް ހުށައެޅުއްވީ ޝަރުޢީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި، މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުޢީ ދާއިރާއާއި އެނޫންވެސް ފަރާތްތަކާއި ޤާނޫނީ ފަންނުގެ ދާއިރާއާއި މަދަނީ ޖަމްޢިއްޔާތަކާއި ޢާންމުންގެ ޚިޔާލާއި މަަޝްވަރާގެ އަލީގައިކަމަށްވެސް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

ބަންޑާރަ ނާއިބު ވިދާޅުވީ، ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަކީ އިޖުތިމާޢީ ޢަދުލުވެރިކަމުގެ ދާއިރާއިން އަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދުކަމަށެވެ. މި 2019 ވަނަ އަހަރު ފަށްޓަވާފައިވާކަމަށާއި، މިހާތަނަށް އެކަމާގުޅޭ 9 ބިލެއް މަޖިލީހަށް ހުށައަޅުއްވާފައިވާކަމަށް ރިފްޢަތު ވިދާޅުވިއެވެ. ބަންޑާރަ ނާއިބު ވަނީ ޖޭއެސްސީ އިޞްލާހު ކުރުމަށް ހުށައެޅުއްވި މި ދެބިލާއެކު ޖޭއެސްސީގެ އިޞްލާޙީ މަސައްކަތް ފުރިހަމަކުރެވިއްޖެކަމަށްވެސް ވިދާޅުވެފައެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާގޮތް:


- ރައްޔިތުން މަޖިލީހުގެ ރައީސް
- ރައްޔިތުން މަޖިލީހުގެ މެމްބަރެއް
- ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއް
- އެޓަނީ ޖެނެރަލް
- ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް
- ސުޕްރީމްކޯޓުގެ ފަނޑިޔާރެއް
- ހައިކޯޓްގެ ފަނޑިޔާރެއް
- ދަށުކޯޓްތަކުން ފަނޑިޔާރެއް
- ޤާނޫނީ ވަކީލެއް
- އާއްމުގެ ތެރެއިން މީހެއް

ޖޭއެސްސީ އިޞްލާހު ކުރެއްވުމަށް ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމުގެ ކުރިން ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ޢާންމުންގެ ޚިޔާލުވެސް ހޯއްދަވާފައެވެ. އެގޮތުން ގިނަ މީހުން ވަނީ ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރުމަށް ފެންނަކަމަށް ބުނެފައެވެ. އެ ކޮމިޝަން ބަދަލުކުރަން ފެންނަކަމަށް ޢާންމުން ބުނެފައިވާ ސަބަބުގެ ތެރޭގައި ޖޭއެސްސީގެ ބައެއް މެމްބަރުންނަކީ ސިޔާސީ މުއައްސަސާތަކުގެ އެންމެ އިސްވެރިންނަށް ވުމުގެ ސަބަބުން އެކޮމިޝަނުގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު އޮތުމުގެ ފުރުސަތު ބޮޑުވުންކަމަށް ބުނެފައިވެއެވެ.