ކުޅިވަރު

ފައިވް ނޭޝަންސް ބާސްކެޓް މުބާރާތް: ފަހު މެޗުގައި ނޭޕާލް އަތުން ބަލިވެ ރާއްޖެއަށް މުބާރާތް ނިމިއްޖެ


މާލޭގައި މިހާރު ކުރިއަަށްދާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގެ ލީގު ބުރުގައި ނޭޕާލާ ދެކޮޅަށް ކުޅުނު ފަހު މެޗުންވެސް ބަލިވެ ރާއްޖެއަށް މުބާރާތް ނިމިއްޖެއެވެ.

ޖުމްލަ ފަސް ޓީމާއެކު ކުރިޔަށްދާ މި މުބާރާތުގެ ލީގު ބުރުން ރާއްޖެ އަލްވަދާއު ކިޔާފައިވަނީ ކުޅުނު ހަތަރު މެޗުންވެސް ބަލިވެގެންނެވެ. ނޭޕާލުން ރާއްޖެ ބަލިކުރީ ހަތް ޕޮއިންޓުގެ ތަފާތަކުންނެވެ. އެއީ 75-68 ޕޮއިންޓުންނެވެ. މެޗުގައި ނޭޕާލުން މޮޅު ކުޅުމެއް ދެއްކިއިރު ފަހު ކުއާޓާގައި ދިވެހި ޓީމުން ވަނީ ބޮޑުތަން ކުޅުން ރަނގަޅުކޮށްފައެވެ. ނަމަވެސް ނޭޕާލްގެ ބޯޅަތައް ހުއްޓުވުމުގައި ދިވެހި ޓީމަށް އުނދަގޫތަކެއް ކުރިމަތިވިއެވެ.

މެޗުގައި ރާއްޖެއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދި އަބްދުﷲ އަމްޒަރު މުހައްމަދެވެ. އޭނާ ވަނީ މި މެޗުގައި 31 ޕޮއިންޓު ސްކޯކޮށްފައެވެ. މީގެއިތުރުން ނޭޕާލުގެ މަނީޝް ވަނީ 21 ޕޮއިންޓް ސްކޯކޮށްފައެވެ.

ރާއްޖޭގެ މެޗާއެކު ލީގު ބުރު ނިމުނުއިރު އެއްވަނައިގައި އޮތީ ނޭޕާލެވެ. ނޭޕާލަށް އެއްވަނަ ލިބުނީ ދެވަނަ ހޯދި ޕާކިސްތާނާ އެއްވަރު، ލީގު ބުރުގައި މި ދެ ޓީމު ކުޅުނު މެޗުން ނޭޕާލް މޮޅުވެފައިވުމުންނެވެ.

ތާވަލުގެ ތިންވަނަ ބަންގްލަދޭޝްއަށް ލިބުނީ ދެ މެޗުން މޮޅުވެގެންނެވެ. ހަމަ މިއަދަދަށް މޮޅު ހޯދައިގެން ހަތަރުވަނައިގައި ބޫޓާން އޮތްނަމަވެސް ތިންވަނަ ބަންގްލަދޭޝްއަށް ލިބުނީ ބޫޓާން މެޗުން މޮޅުވުމުންނެވެ.

މި ނަތީޖާތަކާއެކު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މާދަމާ ވާދަކުރާނީ ނޭޕާލާއި ބޫޓާން އެވެ. އަދި ދެވަނަ ސެމީފައިނަލުގައި ބައްދަލުކުރާނީ ޕާކިސްތާނާއި ބަންގްލަދޭޝް އެވެ.