ޚަބަރު

ބްރޯޑްކާސްޓް ކުރުމުގެ އަހަރީ ފީ ނުދައްކާ މައްސަލަ ކޯޓަށް!


ދެހާސް ފަނަރަވަނަ އަހަރުގެ ބްރޯޑްކާސްޓް އަދި ރީ ބްރޯޑްކާސްޓްކުރުމުގެ އަހަރީ ފީގެ ޖުރިމަނާގެ ފައިސާ މި މަހުގެ ނިޔަލަށް ނުދައްކާ ފަރާތްތަކުގެ ފައިސާ ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅުއްވާނެކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ވިދާޅުވީ އަހަރީ ފީ ދެއްކުން ލަސްވުމުން ޖުރިމަނާ ދައްކަން ޖެހޭ ފަރާތްތަކުން، އެކަމަށް ދައްކަންޖެހޭ ފައިސާ މިމަހުގެ ނިޔަލަށް ދައްކަން ފުރުޞަތު ދެއްވާފައިވާކަމަށެވެ. އަދި މި މުއްދަތުގައި ޖުރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެ ފައިސާ ހޯއްދެވުމަށް ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ. ބްރޯޑްކާސްޓް އަދި ރީ ބްރޯޑްކާސްޓްކުރުމުގެ އަހަރީ ފީ ކޮންމެ އަހަރެއްގެ މާރޗް މަހުގެ ނިޔަލަށް ދައްކަންޖެހޭ ކަމަށާއި މި މުއްދަތު ފާއިތުވުމަށްފަހު އަހަރީ ފީގެ ފައިސާ ދައްކާ ތާރީޚާ ހަމައަށް ފާއިތުވާ ކޮންމެ ދުވަހަކަށް 2،000 ރުފިޔާގެ ޖުރިމަނާއެއް އިތުރުވަމުން ދާނެކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

ކޮމަރޝަލް ޓީވީ ބްރޯޑްކާސްޓަރުން އަހަރީ ފީގެ ގޮތުގައި 42،000 ރުފިޔާ އަދި ކޮމަރޝަލް ރޭޑިޔޯ ބްރޯޑްކާސްޓަރުން އަހަރީ ފީގެ ގޮތުގައި 19،600 ރުފިޔާ ދައްކަންޖެހެއެވެ.

މީގެ އިތުރުން ފްރީކުއެންސީ އަހަރީ ފީ ދެއްކުމުގެ މުއްދަތުވެސް މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. އަދި މި ތާރީޚްގެ ނިޔަލަށް ފައިސާ ދައްކާ ޚަލާސް ނުކޮށްފިނަމަ، އެފަރާތްތަކަށް ދޫކޮށްފައިވާ ފްރީކުއެންސީ ބާޠިލްކުރެވޭނެ ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވެއެވެ.