ކުޅިވަރު

ޤައުމުގައި ކުޅޭ ތިން މެޗުންވެސް މޮޅުވުން މަޖުބޫރު- ސުޒޭން


އޭއެފްސީ ކަޕްގައި ކުރިޔަށް ދިއުމަށް ޤައުމުަގައި ކުޅޭ ތިން މެޗުންވެސް މޮޅުވުން މަޖުބޫރުކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ. މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަދައްކަމުން މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނީ އިންޑިޔާގެ މޯހަން ބަގާން އަތުން ބަލިވުމުން، ކުރިއަށް ދިއުމަށްޓަކައި ބުދަދުވަހު ކުޅޭ މެޗުން މޮޅުވުން މުހިންމުކަމަށެވެ. 

އޭއެފްސީ ކަޕްގައި އިންޑިޔާގައި އެޤައުމުގެ ޗެމްޕިއަން މޯހަން ބަގާން އަތުން ބަލިވީ 5-2 ނެވެ. ސުޒޭން ވަނީ އެއަށް ރަނގަޅު ރައްދެއް ދިނުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. ސުޒޭން ބުނީ މޯހަން ބަގާން އަތުން ބަލިވުމާއެކު މާޒިޔާއަށް ޕްރެޝަރާ ކުރިމަތިލާން ޖެހިފއިވާކަމަށެވެ. އެހެންނަމަވެސް ސުޒޭން ވަނީ ރާއްޖޭގެ ޤައުމީ ދަނޑުގައި ރާއްޖޭގެ ޓީމްތައް ބަލިކުރަން އެއްވެސް ބަޔަކަށް ފަސޭހަ ނުވާނެކަން ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ ޓީމްތަކަށް ޤައުމީ ދަނޑުގައި ފަސޭހަވާނެކަމަށްވެސް ސުޒޭން ބުންޏެވެ.

އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުންވެސް މޮޅުވެ، މިވަގުތު މިޔަންމާ ލީގުގެ ތިންވަނަގައި އޮތް ޔަންގޮން ޔުނައިޓެޑް ބަލިކުރުމަކީ ފަސޭހަކަމަކަށް ނުވާނެކަން ސުޒޭން ގަބޫލުކުރެއެވެ. އެހެންނަމަވެސް އެއީ މޮޅުނުވެވޭނެ މެޗެއް ނޫންކަމަށްވެސް ސުޒޭން ފާހަގަކުރިއެވެ. 

ސުޒޭން ވަނީ ރާއްޖޭގެ ޓީމްތަކަށް އޭއެފްސީ ކަޕަށް ދާއިރު ރަނގަޅު މެޗުތަކެއް ލިބިފައި ނޯންނަކަށް ފާހަގަކޮށްފައެވެ. އެހެންނަމަވެސް އިދިކޮޅުން ކުޅޭ ޓީމްތަކައް ގިނަ މެޗުތަކެއް ލިބިފައި އޮތުމަކީ އެޓީމްތަކަށް ވަރަށް ބޮޑު އެޑްވާންޓޭޖެއްގެ ގޮތުގައި ސުޒޭން ފާހަގަކުރިއެވެ.

"އެހާ ރަނގަޅަށް މެޗް ފިޓްނެސް ލިބިފަ ހުރި ޓީމްތަކާއި ވާދަކުރާއިރު މައްސަލަ ކުރިމަތިވާނެ. އޭއެފްސީ ކަޕަށް ދާއިރު ހައެއްކަ މެޗް ކުޅެލާފަ ދާނަމަ މާޒިޔާއަށްވެސް ފައިދާވާނެ" ސުޒޭން ބުންޏެވެ.

ބަލަމުންދިޔަ މައްސަލައަކާއި ގުޅިގެން ދާދި ފަހުން ބަންދުގައި ހުރުމަަށްފަހު ދޫކޮށްލާފައިވާ އައްސަދް އަލީ ދަނީ މިހާރު މާޒިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އެހެންނަމަވެސް އޭނާގެ ފިޓްނެސްއަށް ބެލުމަށްފަހު މާދަމާގެ މެޗުގައި އޭނާ ބޭނުންކުރުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ސުޒޭން ބުންޏެވެ.

ރާއްޖޭގެ ޤައުމީ ޓީމްގެ އެންމެ ގިނަ ކުޅުންތެރިން މިވަގުތު ތިބި މާޒިޔާއަށް ޤައުމީ ޓީމްގެ ކުޅުންތެރިން ގިނަވުމުގެ ސަބަބުން ވަރަށް ފައިދާކުރާނެކަމަށް ސުޒޭން ގަބޫލްކުރެއެވެ. އެގޮތުން ގިނަ މުބާރާތްތަކެއް އެއްކޮށް ކުޅެފައިވުމުން އެ ކުޅުންތެރިންނަށް އެކުގައި ކުޅެން ފަސޭހަވާނެކަމަށް ސުޒޭން ބުންޏެވެ.

ޔަންގޮން ޔުނައިޓެޑްގެ ކޯޗް މަރްޔާން ސެކްލުވްސްކީ މިއަދުގެ ނޫސްވެރިންގެ ބައްދަލްވުމުގައި އަވަސްވެގަތީ ރާއްޖޭގެ ހޫނުގެ ވާހަކަ ފާހަގަ ކުރުމަށެވެ. އޭނާ ބުނީ ރާއްޖޭގައި ކުޅުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. ތިންވަނަފަހަރަށް ގަލޮޅު ދަނޑަށް ޓީމެއް ނެރޭއިރު އޭނާ މީގެ ކުރީގެ ފަހަރުގެ ތަޖުރިބާއިން ޓީމަށް ފައިދާއެއް ކުރާނެކަމަށް ސެކްލުވްސްކީ އުންމީދުކުރެއެވެ.

ސުކްލެވްސްކީ ވަނީ މާޒިޔާގައި ޤައުމީ ޓީމްގެ ކުޅުންތެރިން ގިނަކަން ފާހަގަކޮށް މި މެޗް ފަސޭހަ ނުވާނޭކަމަށް ބުނެފައެވެ. އަދި މާދަމާ ޔަންގޮން ކުޅޭނީ ރާއްޖޭގެ ޤައުމީ ޓީމާ ކަމަށްވެސް ސުކްލެވްސްކީ ބުންޏެވެ.

"އަހަރެންނަށް ގަބޫލްކުރެވޭ ގޮތުގައި ރާއްޖޭގެ ޓީމްތައް މިވަނީ ކުރިއެރުންތަކެއް ހޯދާފައި. މާޒިޔާއިން މިގެންގުޅެނީ ތަންކޮޅެއް ތަފާތު ގޮތްތަކެއް. ބޭރު އެއް ކުޅުންތެރިޔަކު. ދެން ގިނައީ ޤައުމީ ޓީމުގެ ކުޅުންތެރިން. އަހަރުމެންނަށް މާދަމާ މި ކުޅެވެނީ ރާއްޖޭގެ ޤައުމީ ޓީމާ" ސުކްލެވްސްކީ ބުންޏެވެ.

ސުކްލެވްސްކީ އުންމީދުކުރަނީ ރަނގަޅު ނަތީޖާއެއް ނެރެވޭނަކަމަށެވެ. އޭނާ ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް އިތުބާރުކުރާކަމަށާއި، ޓިމުގެ އެންމެ ރަނގަޅު ކުޅުން ދެއްކޭނެކަމަށް އުންމީދުކުރާކަމަށެވެ.