ކޮންކާކަފް ނޭޝަންސް ލީގުގެ ފައިނަލުން އެމެރިކާ ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލުން އެމެރިކާ ޖާގަ ހޯދީ ސެމީފައިނަލްގައި މެކްސިކޯ އާއި ބައްދަލުކުރި މެޗް 3-0 އިން ކާމިޔާބުކޮށްގެންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ބޮޑަށް ފާހަގަވެގެންދިޔައީ ދަނޑާއި ދަނޑުން ބޭރުގައި ހިނގާދިޔަ ހަމަނުޖެހުންތަކަށެވެ. މިގޮތުން 4 ކުޅުންތެރިއަކަށް ރަތް ކާޑު މިމެޗްގައި ދެއްކި އިރު ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ދަނޑުން ބޭރުކުރަންޖެހުނެވެ.
މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 37 ވަނަ މިނެޓްގައި ޖަހާ އެމެރިކާއަށް ލީޑު ނަގާދިނީ ކްރިސްޓިއަން ޕުލިސިޗެވެ. އަދި މެޗްގެ 46 ވަނަ މިނެޓްގައި ޕުލިސިޗްވަނީ އިތުރު ލަނޑެއް ޖަހާ އެޓީމްގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗްގެ ފުރަތަމަ ރަތްކާޑު ފެނިގެންދިޔައީ މެޗްގެ 69 ވަނަ މިނެޓްގައެވެ.
މިގޮތުން މެކްސިކޯގެ ސެޒަރ މޮންތޭޒް އެމެރިކާގެ ފޮލަރިން ބަލޯގުންއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް މި ރަތްކާޑު ދެއްކިއިރު، މިކަމާގުޅިގެން ދެޓީމްގެ ކުޅުންތެރިން މެދުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އެމެރިކާގެ ވެންޓަން މެކެނީއަށްވެސް ރަތްކާޑު ދެއްކިއެވެ.
މެޗްގައި އެމެރިކާގެ 3 ވަނަ ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ޖަހާދިނީ ރިކާޑޯ ޕެޕީއެވެ. މިމެޗްގައި ދެން ރަތްކާޑު ފެނިގެންދިޔައީ މެޗްގެ 85 ވަނަ މިނެޓްގައި ހިނގާދިޔަ ހަމަނުޖެހުންތަކަކާއި ގުޅިގެންނެވެ. މިގޮތުން މެކްސިކޯގެ ޖެރާޑް އޮރްޓޭގާ އާއި އެމެރިކާގެ ސަރޖިއޯ ޑެސްޓްއަށް ވަނީ ރަތްކާޑު ދައްކާފައެވެ.
މި ކާމިޔާބީއާއެކު އެމެރިކާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު އަންނަ ހޯމަދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލްގައި ބައްދަލުކުރާނީ ކެނެޑާއާއެވެ.