 
					
									
			ޔޫރޯ 2024 ކޮލިފައިން ގްރޫޕް ބީގައި ޖިބްރޯލްޓާއާ ދެކޮޅަށް ކުޅުނު މެޗު ފްރާންސުން ކާމިޔާބުކޮށްފިއެވެ.
ޖިބްރޯލްޓަރގައި ކުޅުނު މި މެޗް ފްރާންސުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ. 
ފަރަންސޭސިވިލާތުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ބޮޑުބައި ކޮންޓްރޯލް ކޮށްފައިވަނީ ފަރަންސޭސީންނެވެ. އަދި ގިނަ ޙަމަލާތަކެއް އެޓީމުން ފޮނުވާލިއިރު ޖިބްރޯލްޓަރއަށް ފަރަންސޭސި ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. 
މި މެޗުގައި ފަރަންސޭސީންގެ ފުރަތަމަ ލަނޑު މެޗްގެ ތިންވަނަ މިނެޓްގައި ޖަހާދީ އެޓީމަށް ލީޑު ނަގާދިނީ އޮލިވަރ ޖިރޫއެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ފަރަންސޭސީންވަނީ އެޓީމްގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކިލިއަން އެމްބާޕޭއެވެ. މިމެޗްގައި ފަރަންސޭސީން ކާމިޔާބުކުރި ފަހު ލަނޑަކީ ޖިބްރޯލްޓަރގެ އައިމެން މޮއުލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. 
މީގެއިތުރުން އައުރޭލިއެން ޗޫމެނީ އާއި އެންޓޮއިން ގްރީޒްމަން ފޮނުވާލި ދެ ޙަމަލާއެއް ވަނީ ޖިބްރޯލްޓަރގެ ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ. މެޗްގައި ފަރަންސޭސިވިލާތުގެ ގޯލް ބަލަހައްޓާފައިވަނީ ފުރަތަމަ ފަހަރަށް ޤައުމީ ޓީމަށް ކުޅެމުންދިޔަ ބްރައިސް ސަމްބާއެވެ. ނަމަވެސް މިމެޗްގައި އޭނާއަށް އެއްވެސް ޙަމަލާއެއް ދިފާއުކުރަން ޖެހިފައެއް ނުވެއެވެ.
މި ކާމިޔާބީއާއެކު ފަރަންސޭސިވިލާތް މިވަނީ މިފަހަރުގެ ޔޫރޯ ކޮލިފައިންގައި މިހާތަނަށް ކުޅުނު 3 މެޗް ކާމިޔާބުކޮށް ގްރޫޕް ބީގެ އެއްވަނައިގައެވެ. އަދި ޖިބްރޯލްޓަރއަށް 3 މެޗުން އެންމެ ޕޮއިންޓެއްވެސް ލިބިފައެއް ނުވެއެވެ.