ކުޅިވަރު

ފައިވް ނޭޝަންސް ބާސްކެޓް މުބާރާތް: ހަނި ގޮތަކަށް ޕާކިސްތާން އަތުން ބަލިވެ ރާއްޖެއަށް ބާރު ގެއްލިއްޖެ


މާލޭގައި މިހާރު ކުރިއަަށްދާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގައި ޕާކިސްތާން އަތުން ހަނި ގޮތަކަށް ބަލިވެ، ރާއްޖެއަށް އަމިއްލަ ބާރު ގެއްލިއްޖެއެވެ.

މި މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ބަލިވީ 52-42 ޕޮއިންޓުންނެވެ. އަދި ދެވަނަ މެޗުގައި ބޫޓާން އަތުން ރާއްޖެ ބަލިވެފައިވަނީ 60-50 ޕޮއިންޓުންނެވެ. މީގެ އިތުރުން މި މުބާރާތުގައި ރޭ ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 65-63 ޕޮއިންޓުންނެވެ. މި ނަތީޖާއާއެކު ރާއްޖެއަށް ވަނީ ސެމީ ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު ގެއްލިފައެވެ.

މި މެޗު ފަށައިގެން ފުރަތަމަ ކުއާޓަރުގެ ކުރީކޮޅު ޕާކިސްތާނުން ވަނީ ބޮޑު ލީޑެއްގައި ނަގާފައެވެ. މި ކުއާޓަރުގައި ރާއްޖޭގެ ފަރާތުން ފެނިގެންދިޔައީ ފުރަތަމަ ދެ މެޗުގައިވެސް ފެނުނު މައްސަލައެވެ. ރާއްޖެއަށް ސްކޯ ނުކުރެވުމުގެ ފައިދާ ނަގައި، ޕާކިސްތާނުން މި ކުއާޓަރު ނިންމާލީ ހަތް ޕޮއިންޓުގެ ލީޑެއްގައި އޮވެ، 22-15 އިންނެވެ.

މި މެޗުގެ ދެވަނަ ކުއާޓަރުގައި ރާއްޖެއިން ކުޅުން ރަނގަޅުކުރިއިރު، މި ކުއާޓަރުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އަދި މި ކުއާޓަރުގައި ރާއްޖެއިން މަޑުމަޑުން ފަރަގު ކުޑަކުރި މަންޒަރު ފެނުނެވެ. އެކަމަކު މި ކުއާޓަރު ނިމުނީ 40-34 އިން ޕާކިސްތާން ކުރީގައި އޮވެގެންނެވެ.

މި މެޗުގެ ތިންވަނަ ކުއާޓަރުގައި ރާއްޖެ ޓީމުން ހިތްވަރުކޮށް ގިނަ ޕޮއިންޓުތައް ސްކޯކުރި ނަމަވެސް، ޕާކިސްތާނުން ވަނީ އެ ޓީމުގެ ލީޑު ހިފަހައްޓައިފައެވެ. އެގޮތުން ޕާކިސްތާނު ޓީމުގެ ފަރާތުން ޕްރެޝަރުގައި ރަނގަޅަށް ކުޅުނުއިރު، މެޗުގެ ތިންވަނަ ކުއާޓަރު ނިމުނީ 50-45 އިންނެވެ.

މި މެޗުގެ ހަތަރުވަނަ ކުއާޓާގައި ރާއްޖެއިން ގިނަ ޕޮއިންޓުތަކެއް ސްކޯ ކުރިއިރު، މި ކުއާޓަރުގެ ފަހު ވަގުތުކޮޅު ރާއްޖެއިން ވަނީ ދެ ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ސަރަޙައްދީ ހަތަރު ގައުމަކުން ވާދަކުރެއެވެ. އެއީ ބަންގްލަދޭޝް، ބޫޓާން, ޕާކިސްތާން އަދި ނޭޕާލެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ބޫޓާން ވަނީ ބަންގްލަދޭޝް އަތުން 61-53 އިން ބަލިވެފައެވެ.

މި މުބާރާތުގައި ރާއްޖޭން ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި އަންނަ މާދަމާރޭ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.