އިޓާލިއަން ސެރީއާގެ މިފަހަރުގެ ޗެމްޕިއަން ނަޕޯލީގެ އައު ކޯޗަކަށް ފަރަންސޭސިވިލާތުގެ ރޫޑީ ގާސިއާ ހަމަޖައްސައިފިއެވެ.
ނަޕޯލީއިން ގާސިއާ މިހަމަޖެއްސީ މި ނިމުނު ސީޒަންގައި އެޓީމަށް ސެރީއާ ކާމިޔާބުކޮށްދިން ލޫޗިއާނޯ ސްޕަލެއްޓީ ސީޒަން ނިމުމާއެކު ފުޓްބޯޅަ އާއި ވަގުތީ ގޮތުން ދުރަށް ޖެހިލުމުގެ ބޭނުމުގައި ކްލަބް ދޫކޮށްލުމުންނެވެ.
ގާސިއާވެސް ވަނީ ސްޕަލެއްޓީ އެކޭ އެއްގޮތަށް މީގެ ކުރިން އޭއެސް ރޯމާގެ ކޯޗްކަން ކޮށްފައެވެ. އަދި މީގެއިތުރުން ގާސިއާ ވަނީ ލިލް އާއެކު 2010-2011 ވަނަ އަހަރުގެ ސީޒަންގައި ފްރެންޗް ލީގް އާން އާއި ކޫޕް ޑި ފްރާންސް ކާމިޔާބުކޮށްފައެވެ. އުމުރުން 59 އަހަރުގެ ގާސިއާ ވަނީ އޭގެ ފަހުން އޮލިމްޕިކް މާސޭ އާއި ލިއޯންއަށް ކޯޗް ކޮށްދީފައެވެ. އަދި އެންމެ ފަހުން އޭނާ ކޯޗް ކޮށްދީފައިވަނީ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރު އަށެވެ.
ނަޕޯލީގެ ވެރިޔާ އައުރޭލިއޯ ޑި ލައުރެންޓިސް ހާމަކުރިގޮތުގައި ވޭތުވެދިޔަ 10 ދުވަހު ބޭއްވި ބައްދަލުވުންތަކާއި މަޝްވަރާތަކަށް ފަހު ނަޕޯލީގެ އައު ކޯޗަކަށް ގާސިއާ ހަމަޖައްސައިފައިވާކަމަށެވެ އަދި ގާސިއާއަށް ހޫނު މަރުޚަބާއެއް ކިޔާކަމުގައި ލައުރެންޓިސް ހާމަކުރިއެވެ. ނަޕޯލީއިން މިނިމުނު ސީޒަންގައި ވަނީ 33 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އިޓާލިއަން ސެރީއާގެ ތަށި އުފުލާލާފައެވެ.