ޚަބަރު

ފަލަސްތީނުގެ މިނިވަންކަމަށް އަނެއްކާވެސް ރާއްޖެއިން ގޮވާލައިފި


އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަތްގަދަކޮށްގެން ހިންގާ އިސްތިއުމާރީ ވެރިކަން ހުއްޓާލާ، ފަލަސްތީނުގެ ރައްޔިތުން މިނިވަންކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ދިވެހިރާއްޖޭގެ ފަރާތުން މިކަމަށް ގޮވާލާފައިވަނީ އިންޑޮނީޝިއާގެ ޖަކާޓާގައި މިހާރު ކުރިޔަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ 5 ވަނަ އެކްސްޓްރާ އޯޑިނަރީ ސެޝަންގައި ރާއްޖެ ތަމްޞީލުކުރައްވާ އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒިޔާދު ދެއްވި ތަޤުރީރުގައެވެ. އޯއައިސީގެ މިސެޝަން ކުރިޔަށް މިގެންދަނީ މެދުއިރުމަށްޗާއި ޕަލަސްތީނުގައި ކުރިޔަށްދާ ހަމަނުޖެހުންތަކަށް ޙައްލުގެނައުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭ ގޮތުން އިސްލާމީ ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމުގެ ގޮތުންނެވެ. މި ސެޝަންގައި ތަޤްރީރުކުރައްވަމުން މިނިސްޓަރ ޒިޔާދު ވަނީ ފަލަސްތީނަކީ މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ދިވެހިރާއްޖެއިން ގޮވާލާފައިވާ ގޮވާލުން ތަކުރާރު ކުރައްވާފައެވެ.

މިނިސްޓަރ ޒިޔާދު ވަނީ ފަލަސްތީނުގައި ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖެހުން ޤާއިމްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. މިނިސްޓަރގެ ވާހަކައިގައި ވަނީ ފަލަސްތީނުގައި ކުރިޔަށްދާ ހަމަނުޖެހުންތައް ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅު ތަކެއް އެޅުމަށް އދ.އަށްވެސް ގޮވާލައްވާފައެވެ.

"ޔުނައިޓެޑް ފޯ ޖަސްޓް ސޮލިއުޝަން" މި ޝިޔާރުގެ މައްޗަށް ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޒިޔާދު ވިދާޅުވީ ހަމަޖެހުމަކީ ތަޅާފޮޅުމާއި، ލޭއޮހޮރުވުމުން ޤާއިމް ކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި ފަލަސްތީނުގެ ބިންތައް ގަދަބާރުން އަތުލައިގެން އުޅޭ އުޅުން ހުއްޓައިގެން ނޫނީ ހަމަޖެހުން ޤާއިމު ނުކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލްގެ އިސްތިއުމާރީ ބާރުން ކުރިމަތިކުރަމުންދާ ފިއްތުންތައް ހުއްޓުވާ، އެޤައުމުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް މުސްލިމް އުންމަތް އެކުގައި ތެދުވެ މަސައްކަތްކުރަން ޖެހޭކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ޤާއިމްކުރުމަށް ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ މުޖުތަމައުއިން އެއްބާރުލުންދީ ފަލަސްތީނުގެ ރައްޔިތުންނަށް އުންމީދު އާކޮށްދޭން ޖެހޭކަމަށް މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.

މިނިސްޓަރ ދެއްވި ތަޤްރީރު ނިންމަވާލައްވަމުން ވިދާޅުވީ ދިވެހި ރާއްޖެއިން އަބަދުވެސް ފަލަސްތީންގެ ރައްޔިތުންނާއި އެކު ވާކަން ތަކުރާރުކުރައްވާފައެވެ.