ކުޅިވަރު

ފައިވް ނޭޝަންސް ބާސްކެޓް މުބާރާތް: ބޫޓާން އަތުންވެސް ރާއްޖެ ބަލިވެއްޖެ


މާލޭގައި މިހާރު ކުރިއަަށްދާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުން ބޫޓާން އަތުންވެސް ބަލިވެއްޖެއެވެ.

މި މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ވަނީ 52- 42 ޕޮއިންޓުން ބަލިވެފައެވެ. އަދި ރޭ ކުޅުނު ދެވަނަ މެޗުން ބޫޓާން އަތުން ބަލިވީ 60-50 ޕޮއިންޓުންނެވެ. އެއާއެކު މުބާރާތުގައި ކުޅުނު ދެ މެޗުންވެސް ރާއްޖެ ބަލިވެފައިވަނީ 10 ޕޮއިންޓުގެ ފަރަގަކުންނެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް ދިމާވީ ސްކޯ ނުކުރެވުމުގެ މައްސަލައެވެ. ބަންގްލަދޭޝް މެޗުގައިވެސް ރާއްޖެއަށް ދިމާވީ ހަމަ އެ މައްސަލައެވެ. އެއާއެކު ފުރަތަމަ ކުއާޓަރު ބޫޓާނުން ނިންމާލީ އަށް ޕޮއިންޓުގެ ލީޑެއްގައި އޮވެ، 15-07 އިންނެވެ.

މި މެޗުގެ ދެވަނަ ކުއާޓަރުގައިވެސް ރާއްޖެއަށް އޮފެންސްގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، މި ކުއާޓަރު ބޫޓާނުން ނިންމާލީ ބޮޑު ލީޑެއްގައި އޮވެގެންނެވެ. އެއީ 36-17 ޕޮއިންޓުންނެވެ.

މި މެޗުގެ ތިންވަނަ ކުއާޓަރުވެސް ފެނިގެންދިޔައީ ރާއްޖެއަށް އޮފެންސްގައި އެދެވޭ ކުޅުމެއް ނުދެއްކުނު ތަނެވެ. އަދި ރާއްޖޭގެ އެޓޭކުތައް ހުއްޓުވުމުގައި ބޫޓާނުން ވަނީ މި ކުއާޓަރުގައި މޮޅަށް ޑިފެންސް ކޮށްފައެވެ. އެއާއެކު މި ކުއާޓަރު ނިމުނީ 47-29 އިންނެވެ.

މުޅި މި މެޗުގައިވެސް ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ ފަހު ކުއާޓަރުގައެވެ. މި ކުއާޓަރުގައި ރާއްޖެއިން ގިނަ ޕޮއިންޓްތަކެއް ސްކޯކުރިއިރު، ތްރީ ޕޮއިންޓުތަކެއްވެސް ކާމިޔާބުކުރިއެވެ. އެކަމަކު ޕްރެޝަރުގައި ކުޅެވެސް ބޫޓާނުން ވަނީ އެ ޓީމުގެ ލީޑު ހިފެހައްޓާފައެވެ.

މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ސަރަޙައްދީ ހަތަރު ގައުމަކުން ވާދަކުރެއެވެ. އެއީ ބަންގްލަދޭޝް، ބޫޓާން, ޕާކިސްތާން އަދި ނޭޕާލެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ފަހަތުން އަރައި ޕާކިސްތާން އަތުން ނޭޕާލް ވަނީ 62-66 އިން މޮޅުވެފައެވެ

މި މުބާރާތުގައި ރާއްޖެއިން ތިންވަނަ މެޗުގައި މިރޭ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.