ޚަބަރު

ޗައިނާއިން ހަދިޔާކުރި ލެޑް ލައިޓްތައް ބަހަން ފަށައިފި


ޗައިނާ ސަރުކާރުން މިމަހު ރާއްޖެ އަށް ހަދިޔާކުރި 200 ހާހަށްވުރެ ގިނަ ލެޑް ލައިޓްގެ ތެރެއިން ސްޓެލްކޯއާއި ހަވާލުކުރި ލައިޓްތައް އާންމުންނަށް ބަހަން ފަށައިފިއެވެ.

ސްޓެލްކޯއިން އާންމުންނަށް ލެޑް ލައިޓް ބެހުމުގެ އިންތިޒާމު ހަޖައްސާފައިވަނީ އެކުންފުނީގެ ރަސްމީ ގަޑިކަމަށްވާ ހެނދު ނުވަޔަކުން ހަވީރު ހަތަރަކާއި ދެމެދުގައެވެ. ލެޑް ލައިޓާއި ހަވާލުވާން ސްޓެލްކޯއަށް އާންމުން ދާއިރު ކުރިން ފައިސާދައްކާފައިވާ ކަރަންޓު ބިލެއް ގެންދިޔުމަށް ސްޓެލްކޯއިން އެދެއެވެ. ބިލު ނުގެންދިޔަ ނަމަވެސް މީޓަރ ނަންބަރު ކޮންމެހެން އެނގެންޖެހޭނެކަމަށް ސްޓެލްކޯއިން ހާމަކުރައްވައެވެ.

އެއްމީޓަރަށްވުރެ ގިނަ މީޓަރަށް އެކަކަށް ލައިޓް ނެގުމުގެ ފުރުސަތު އޮވެއެވެ. ސްޓެލްކޯއިން ދޫކުރަނީ 7 ވޯޓާއި 4 ވޯޓުގެ ލެޑް ލައިޓްކަމަށް އެ ކުންފުނިންބުނެއެވެ. މިމަހުގެ 2 ވަނަ ދުވަހު ޗައިނާ ސަރުކާރުގެ ފަރާތުންވަނީ 10 މިލިޔަން ރުފިޔާގެ އަގުހުރި ލެޑްލައިޓް ހަދިޔާކޮށްފައެވެ. އޭގެތެރޭގައި 21000 ލެޑް ލައިޓް ހިމެނޭކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކުރައްވައެވެ. މި ލައިޓްތައް ސަރުކާރުގެ މުއައްސަސާތަކަށާއި އާންމުންނަށް ފޯރުކޮށްދެއްވުމަށް ހަމަޖައްސަވާފައިވާއިރު އެ މަސައްކަތްކުރުމަށް ސްޓެލްކޯގެ އިތުރުން ފެނަކައާއި އެމްޑަބްލިޔުއެސްސީއާއިވަނީ ހަވާލުކުރައްވާފައެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށަށްވެސް ލެޑް ލައިޓް ބެހުމުގެ މަސައްކަތްކުރާއިރު، ލައިޓްދޫކުރަނީ އެކަމަށް އެދި ނަންނޯޓްކުރާ ފަރާތްތަކަށެވެ.

ރާއްޖޭގައި ތެލަށްކުރާ ހޭދަ ކުޑަކުރުމަށް ސަރުކާރުން ފަށާފައިވާ "ފަހި އަލި" ޕްރޮޖެކްޓްގެ ތެރެއިން އާންމުކޮށް ލައިޓްބަހާ މީ ދެވަނަ ފަހަރެވެ.