ކުޅިވަރު

ކާޔާއަކީ ގްރޫޕްގެ އެންމެ ވަރުގަދަ ޓީމް - ސްޓޮއިކޯފް


އޭއެފްސީ ކަޕްގައި މާދަމާ ނިއުރޭޑިއަންޓާއި ދެކޮޅަށް ނިކުންނަ ފިލިޕީންސްގެ ކާޔާ އެފްސީއަކީ ގްރޫޕްގައި އޮތް އެންމެ ވަރުގަދަ ޓީމްކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗް ޔޮރްދާން ސޮޓޮއިކޯފް ބުނެފިއެވެ.

އޭއެފްސީކަޕްގެ ގްރޫޕް އެފްގައި ރަށުން ބޭރުގައި ކާޔާ އެފްސީއާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނިއުރޭޑިއަންޓްގެ ކޯޗް ޔޮރްދާން ސްޓޮއިކޯފް ބުނީ މި ގްރޫޕްގެ އެންމެވަރުގަދަ ޓީމަކީ ކާޔާ އެފްސީކަމަށާއި، އެޓީމް އަތުން މި މެޗުން ޕޮއިންޓެއް  ލިބުނަސް ހިތްހަމަ ޖެހޭނެކަމަށެވެ. 

މާލޭގައި މެލޭޝިޔާގެބެލެސްޓަރ ޚަސްލާ އެފްސީއާއި ދެކޮޅަށް ކުޅުނު މެޗުގައި ގިނަ ފުރުސަތުތަކެއްލިބުނުކަމަށާއި، ފުރުސަތުތަކުގެ ބޭނުންކުރެވުނު ނަމަ އެ މެޗްކާމިޔާބުކުރެވުނީސްކަމަށް އޭނާ ބުންޏެވެ. ކޯޗް ބުނީ މާދަމާގެ މެޗުގައި ދެ ޓީމްގެފަރާތުންވެސް މޮޅު ފުޓްބޯޅައެއް ފެންނާނެކަމަށާއި، މެޗަށް ޓީމް އޮތީ ފުރިހަމައަށްތައްޔާރުވެފައިކަމަށެވެ. 

"ނިއު މާދަމާގެ މެޗަށް ތައްޔާރު، ގްރޫޕްގެ އެންމެ ވަރުގަދަ ޓީމާއި ދެކޮޅަށް މި ނިކުންނަނީ، ޕޮއިންޓެއް ލިބުނަސް އަހަންނަށް ފުދޭނެ. ރީތި ފުޓްބޯޅައެއް ފެންނާނެ މާދަމާގެ މެޗުން" ކޯޗް ސްޓޮއިކޯފް ބުންޏެވެ.

މާދަމާގެ މެޗުގައި ނިއުރޭޑިއަންޓްގެ ކެޕްޓަން މުޙައްމަދުރަޝީދަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެއެވެ. އޭނާއަށް އަނިޔާވީ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ސިންގަޕޫރްގެ ބަލެސްޓާރ ޚަލްސާ އެފްސީއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެހެން ހުރިހާ ކުޅުންތެރިންވެސް މާދަމާގެމެޗަށް ފިޓުކަމަށް ކޯޗް ބުންޏެވެ. 

މާދަމާގެ މެޗަށް ނިއުރޭޑިއަންޓްއާއި ދެކޮޅަށްނިކުންނަ ކާޔާ އެފްސީ ގްރޫޕް ސްޓޭޖްގައި ކުޅުނު ފުރަތަމަ މެޗުގައި ހޮންކޮންގގެ ކިޗީ އެފްސީ އަތުންވަނީ ބަލިވެފައެވެ. 

ނިއުރޭޑިއަންޓާއި ކާޔާ އެފްސީ ވާދަކުރާ މެޗުފަށާނީ މާދަމާ ހަވީރު ހަތަރުގަޑި ތިރީހުގައެވެ. މެޗު ޓީވީއެމްއިން ވަގުތުންދައްކާނެއެވެ.