ސިޔާސީ

ނަޝީދު މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި


ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިޢުނާފް ކުރައްވައިފައިވާ ރައީސް ނަޝީދުގެ ޖަލުޙުކުމްގެ އިސްތިޢުނާފްގެ އަޑުއެހުންތައް ނިންމަވާލައްވައިފިއެވެ.

ދައުލަތުން މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިޢުނާފް ކުރައްވައިފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރެއްވި މައްސަލައިގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިއްވަވާފައިވާ 13 އަހަރުގެ ޖަލުޙުކުމާ ގުޅިގެން ހައިކޯޓުން ނިންމަވާފައިވާ ނިންމެވުމުގެ ޞައްޙަކަން ކަށަވަރުކުރެއްވުމަށެވެ.

މިމައްސަލައަށް ތަތައްޚުލުވި ފަރާތެއްގެ ޙައިޞިއްޔަތުން ރައީސް ނަޝީދުގެ ފަރާތުން ޖަވާބުދާރީ ވެވަޑައިގަންނަވަމުން އެމަނިކުފާނުގެ ޤާނޫނީ ޓީމުން ވަނީ ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވަވައިފައިވާ ޖަލުޙުކުމް ބާޠިލް ކޮށްދިނުން އެދި 15 ނުކުތާއެއް ހުށައަޅާފައެވެ. އޭގެތެރޭގައި ނަޝީދުގެ މައްޗަށް ކުރައްވާފައިވާ ދަޢުވާއިން ދިފާޢުވުމަށް އެކަށީގެންވާ ވަގުތާއި ވަޞީލަތްތައް ލިބިފައި ނުވާކަމަށް ވިދާޅުވެ ފާހަގަކުރައްވާފައިވާ ނުކުތާއެއްވެސް ހިމެނެއެވެ.

ދައުލަތުން ހުށައަޅުއްވައިފައިވާ ކަންކަމުގެ ތެރޭގައި، ނަޝީދުގެ މައްޗަށް ކުރައްވާފައިވާ ދަޢުވާއިން ދިފާޢުވެވަޑައިގަތުމަށް އެކަށީގެންވާ ވަގުތު ލިބިވަޑައިގެންފައިވާކަން ދައުލަތަށް ޤަބޫލުކުރެއްވޭތީ އެކަން ކަށަވަރުކޮށްދެއްވުމަށާއި، ޤާނޫނީ ވަކީލަކު ޢައްޔަންކުރެއްވުމަށް އެކަށީގެންވާ ފުރުޞަތު ޝަރީޢަތުން ނަޝީދަށް ދެއްވައިފައިވާކަން ކަށަވަރުކޮށްދެއްވުން ހިމެނެއެވެ.

މިއަދު ބޭއްވެވި ޝަރީޢަތުގެ މަޖިލިސް ނިންމަވައިލައްވަމުން އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ވިދާޅުވީ މިމައްސަލައިގައި އިތުރުކަމެއް ސާފުކުރައްވަން ނެތްނަމަ ދެން އޮންނާނީ ޙުކުމް އިއްވެވުންކަމަށެވެ. މިމައްސަލަ ބައްލަވަމުން ގެންދަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މުޅި މަޖިލިސް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.