އިޓަލީވިލާތުގެ ކުރީގެ ބޮޑުވަޒީރު ސިލްވިޔޯ ބަރްލުސްކޯނީ އަވަހާރަވެއްޖެއެވެ. އެ ޤައުމުގައި ހިންގާ އެންމެ ބޮޑު މީޑިޔާ ކުންފުނީގެ ބާނީ އަދި ބިލިޔަނަރެއް ކަމުގައިވާ ބަރްލުސްކޯނީ އަވަހާރަވީއިރު އުމުރުފުޅަކީ 86 އަހަރެވެ. އޭނާ އަވަހާރަވީ ލުކީމިޔާ އަދި ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯދައްވަމުން ގެންދަވަނިކޮށެވެ. އޭނާ އަވަހާރަވީ މިލާންގެ ސަން ރަފަޔަލް ހޮސްޕިޓަލުގައެވެ.
ބަރްލުސްކޯނީގެ ފޯރްޒާ އިޓާލިޔާ ޕާޓީއަކީ އެ ޤައުމުގައި މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މުހިންމު ބައިވެރިވެކެވެ. އެ ސަރުކާރުގެ އެއްވެސް މަގާމެއް ބަރްލުސްކޯނީ ފުރުއްވާފައި ނުވި ނަމަވެސް، އޭނާ އަވަހާރަވުމާ ގުޅިގެން އެ ޤައުމުގެ ސިޔާސީ މައިދާނަށް ލޮޅުންތަކެއް އަންނާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.
ބަރްލުސްކޯނީއަކީ އިޓަލީވިލާތުގައި ބޮޑުވަޒީރު ކަމުގެ މަޤާމު އެންމެ ގިނަ ދުވަހު ފުރުއްވާފައިވާ ބޭފުޅާއެވެ. އޭނާ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލީޑަރުން ގެންދަވަނީ ތަޢުޒިޔާ ދަންނަވަމުންނެވެ. އިޓަލީވިލާތުގެ ބޮޑުވަޒީރު ޖޯޖިޔޯ މެލޯނީ ވިދާޅުވީ ބަރްލުސްކޯނީއަކީ ގިނަ ކަންކަމާ ކުރިމަތިލައްވައި ކާމިޔާބީ ހޯއްދަވާފައިވާ ބޭފުޅެއް ކަމުގައެވެ. އަދި، ބަރްލުސްކޯނީއާ އެކު ޤައުމު ބިނާކުރަން ފެށި މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމުގައެވެ.
ބަރްލުސްކޯނީއަކީ އިޓަލީވިލާތުގެ ތާރީޚު ބައްޓަން ކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ސިފަކުރެއެވެ. ބަރްލުސްކޯނީގެ މީޑިޔާ ކުންފުނި އުފައްދަވާފައި ވަނީ 1980ގެ އަހަރުތަކުގެ ތެރޭގައެވެ. އަދި، އޭނާގެ ސިޔާސީ ހަޔާތްޕުޅު ފައްޓަވާފައި ވަނީ 1994 ވަނަ އަހަރުއެވެ. ސިޔާސީ ހަޔާތްޕުޅު ފެއްޓެވުމާ އެކު އޭނާ ވަނީ އިޓަލީވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމު ކާމިޔާބު ކުރައްވާފައެވެ.
ބޮޑުވަޒީރު ކަމުގެ މަގާމުގައި ބަރްލުސްކޯނީ ވަނީ ހަތަރު ދައުރު ފުރިހަމަ ކުރައްވާފައެވެ. އެއީ، 1994 އިން 1995 އަށް، އަދި 2001 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރަށް، އަދި 2005 އިން 2006 އަށް އަދި 2008 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށެވެ. 2013 ވަނަ އަހަރު އޭނާގެ މައްޗަށް ޓެކުހަށް މަކަރު ހެދުމުގެ ކުށް ސާބިތުވެ، ސިޔާސީ މަގާމަކަށް ކުރިމަތިލުމުގެ ފުރުޞަތު ގެއްލުނެވެ.
ނަމަވެސް އޭގެ ފަސް އަހަރު ފަހުން އޭނާ ވަނީ ސިޔާސީ މައިދާނަށް އެނބުރި ވަޑައިގަންނަވައި، 2019 ވަނަ އަހަރު ބޭއްވި ވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރައްވައި ކާމިޔާބީ ހޯއްދަވާފައެވެ. އަދި، ހުސްވި 2022 ވަނަ އަހަރު ބޭއްވި އިޓަލީވިލާތުގެ ޢާންމު އިންތިޚާބުގައި އޭނާ ވަނީ އެ ޤައުމުގެ ސެނެޓުގެ ގޮނޑިއެއް ކާމިޔާބު ކުރައްވާފައެވެ. އެންމެ ފަހުން ބޭއްވި ޢާންމު އިންތިޚާބުގައި އޭނާގެ ފޯރްޒާ އިޓާލިޔާ ޕާޓީއަށް ކާމިޔާބު ކުރެވުނީ އަށެއް އިންސައްތަ ވޯޓެވެ.