ޚަބަރު

ނިހާންގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އޭނާ އިންކާރުކޮށްފި


ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ޞައްޙަ ނޫން ކޯޓް އަމުރެއް ނެރުއްވިކަމުގެ ތުހުތަމުގައި ދައުލަތުން ދަޢުވާކުރައްވައިފައިވާ މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙުމަދު ނިހާން، ދަޢުވާއަށް އިންކާރުކުރައްވައިފިއެވެ.

މިމައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ވަކީލަކު ޢައްޔަންކުރުމުގެ ފުރުޞަތަށް އެދިވަޑައިގަތުމުން 3 ދުވަހުގެ މުއްދަތު ކޯޓުން ވަނީ އޭނާއަށް ދެއްވައިފައެވެ.

މިމައްސަލައިގައި އަޙްމަދު ނިހާންގެ މައްޗަށް ދައުލަތުން ވަނީ 3 ދަޢުވާއެއް އުފުއްލަވާފައެވެ. އެއީ ވަކި އަސްލެއް އޮތްއެއްޗެއްކަމުގައި ޞައްޙަ ނޫން ގޮތެއްގައި ދެއްކުމަށްޓައި ލިޔުމެއް އުފެދުމުގެކުށުގެ ދައުވާއާއި، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ޙައްޞިއްޔަތު ނަހަމު ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

ނިހާންގެ މައްޗަށް ދައުލަތުން އުފުއްލަވައިފައިވާ ދައުވާގައި ބުނެފައިވަނީ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހުންނަވައި 7 ފެބުރުއަރީ 2016 ވަނަ ދުވަހު ދަންވަރު 2:45 އެހާކަންހާއިރު، ޤާނޫނާ ޤަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ކޯޓު އަމުރެއްކަން ދައްކުވައިދޭ ލިޔެކިއުމެއް، އަޙުމަދު ނިހާން ތައްޔާރުކުރައްވާފައިވާކަމަށެވެ.

ނިހާންގެ މައްޗަށް ކުރައްވާފައިވާ ދައުވާގެ މިއަދު އޮތް އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ ޝަރީޢަތް ނިންމެންދެން އަޙްމަދު ނިހާން ބަންދުގައި ބެހެއްޓެވުމަށް އަމުރުކުރައްވައިފައެވެ.