ކުޅިވަރު

ޤައުމީ ސްކޮޑް އޮތުމަކީ ޕްރެޝަރެއްނޫން - ސުޒޭން


މިއަހަރުގެ ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަދި ފެށިފައި ނުވިނަމަވެސް، މާޒިޔާއާއި ނިއުރޭޑިއަންޓް އަންނަނީ އޭއެފްސީކަޕްގައި ވާދަކުރަމުންނެވެ. ފާއިތުވި 4 އަހަރުވެސް އެންމެ ވާދަވެރިކޮށް ފެނުނު ދެޓީމަކީ މިއީއެވެ. އަދި ޤައުމީ ސްކޮޑްގެ ކުޅުންތެރިން ބެހިފައި އޮތް ދެޓީމަކީވެސް މިއީއެވެ. ނަމަވެސް މިއަހަރުގެ ސީޒަނާއި ކުރިމަތިލާއިރު ހާލަތު ތަފާތެވެ. 

މިއަހަރު ޤައުމީ ސްކޮޑް އޮތީ މާޒިޔާގައެވެ. އަލީ ފާސިރުއާއި، އަހުމަދު އަބުދުﷲއާއި، ޝާފިއު އަހުމަދާއި، ހަމްޒާ މުޙައްމަދު ފިޔަވައި ޤައުމީ ސްކޮޑްގެ މުޙިއްމު ހުރިހާ ކުޅުންތެރިން ތިބީ މާޒިޔާގައެވެ. ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންވެސް އެންމެ ގިނައީ އެކްލަބްގައެވެ. މިހާރު އޮތް ސްކޮޑާއެކު މާޒިޔާއަށް މިސީޒަންގެ ހުރިހާ ތައްޓެއް ހޯދެންޖެހޭނެކަމަށް ދެކޭމީހުން މަދެއްނޫނެވެ. އަދި ނިއުރޭޑިއަންޓް ކުރި ހެދި ސީޒަންގައި ބަލިނުވުމުގެ ރެކޯޑް މާޒިޔާއަށް މިފަހަރު ހެދެންޖެހޭނެކަމަށް ޤަބޫލުކުރާ މީހުންވެސް ގިނައެވެ. އެއްބަޔަކު ޤަބޫލުކުރާގޮތުގައި މިސީޒަންގައި ލޯކަލް މުބާރާތެއްގެ މެޗެއްގައި މާޒިޔާ ބަލިވެގެންނެއް ނުވާނެއެވެ. ސަބަބަކީ މާޒިޔާގެ ކޮންމެ ޑިޕާރޓްމަންޓެއް ވަރުގަދަވުމެވެ. ބެންޗުން އަރާނެ މޮޅު ކުޅުންތެރިން ތިބުމެވެ. 

ދިގު ސީޒަނަކަށް ބޭނުންވާނެ ރަނގަޅު ސްކޮޑެއް އޮތުމެވެ. އަސަދުﷲ އަބުދުﷲއާއި، އަހުމަދު އިމާޒުއާއި، ހުސައިން ނިޔާޒު މުޙައްމަދާއި، އަހުމަދު ނާޝިދުއާއި، މުޙައްމަދު އުމެއިރުއާއެކު މާޒިޔާގެ ކުރިން ނުހަނު ވަރުގަދަވެފައި ހަލުވިއެވެ.

އަސްއަދު އަލީއާއި، އިސްމާއީލް އީސާއާއި، މޫސާ ޔާމީންއާއި، އިރުފާންއާއެކު މާޒިޔާގެ މެދުތެރެ ވަރުގަދަ ވެފައި އެޓޭކިންގއާއި ޑިފެންސިވް ބައިގެވެސް އިތުބާރު ބޮޑެވެ.

 ބަލްގޭރިޔާގެ ޑިފެންޑަރ ޒިވްކޯއާއެކު އަމްދާން އަލީއާއި، ސަމްދޫހު މުޙައްމަދާއި، މަހިބަދޫން ގެނައި ޒުވާން ދެޑިފެންޑަރުންނާއެކު އޮތް މާޒިޔާގެ ޑިފެންސިވްލައިން ފޫއަޅުވާލުން ފަސޭހަވެގެން ނުވާނެއެވެ. ގޯލް ބަލަހައްޓާނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރު އިމްރާން މުޙައްމަދެވެ. 

މި ކުޅުންތެރިންގެ އިތުރުންވެސް މޮޅު ގިނަ ކުޅުންތެރިންތަކެއް މާޒިޔާގެ ސްކޮޑްގައި އެބަތިއްބެވެ. އެއްބަޔަކު ދެކޭގޮތުގައި މިއީ ކޯޗު އަލީ ސުޒޭނަށް އޮތް ބޮޑު ޕްރެޝަރެކެވެ. މިޕްރެޝަރާއެކު ސުޒޭންއަށް މިފަހަރު ދެއްކޭނެ ބަހަނާއެއް ނެތެވެ. ނަމަވެސް ރާއްޖޭގައި ހުރި އެންމެ ކާމިޔާބު ދިވެހި ކޯޗު ބުނީ އެއީ އޭނާއަށް ޕްރެޝަރެއް ނޫންކަމަށާއި، އޭނާ ފަށާނީވެސް ދިހަޔަކުންކަމަށެވެ. އަދި މީގެކުރިންވެސް ޤައުމީ ސްކޮޑްގެ ގިނަ ކުޅުންތެރިން ގޮވައިގެން ނިކުމެ ކާމިޔާބު ހޯދައިވާނެކަމަށެވެ.

" މިހާ ރަނގަޅު ކުޅުންތެރިންތަކެއް ގޮވައިގެން ނިކުމެ އަޅުގަނޑު ޕްރެޝަރަށްދާންޖެހޭ އެއްވެސް ސަބަބެއްނެތް. އެއީ ކާމިޔާބީއާ ހަމައަށްދާން ބަލާއިރު ތައްޓެއް ހޯދުމަކީ އެހާ އުނދަގޫކަމެއްނޫންކަން އަޅުގަނޑުގެ ކެރިއަރުގައި ވަރަށްގިނަ ފަހަރު އޮންނާނީ ސާބިތުކޮށްދީފަ." އެންމެ ފަހުން ކުޅުނު އޭއެފްސީކަޕް މެޗަށް ފުރުމުގެ ކުރިން ސުޒޭން ބުންޏެވެ.

މިސީޒަނަށް މާޒިޔާގެ އެންމެ ބޮޑު އަމާޒަކީ ލީގު ހޯދުމެވެ. މިދިޔަ ސީޒަންގައި އެކަން ނުކުރެވުމުން އެކަމަށް މާޒިޔާއިން ވަނީ އިތުރު ހޭދަކޮށް، އިތުރު ކުޅުންތެރިން ހޯދާފައެވެ. އެފްއޭކަޕާއި ޕްރެޒިޑެންޓްކަޕްގެ އިތުރުން ޗެރިޓީ ޝީލްޑް ލިބިފައިވުމުން މާޒިޔާގެ ހަރުގަނޑަށް މިވަގުތު އެންމެ މުޙިއްމީ ލީގު ޝީލްޑެވެ. އެކަމަށް ބޮޑު ސްކޮޑެއް ހޯދާ ހަވާލުކޮށްފައިވަނީ އަލީ ސުޒޭނާއެވެ. އޭނާ ހުރީ އިތުބާރާއެކުގައެވެ.

" މީޑިޔާގައި ތިން މަހެއްހާދުވަހު ދުރުގައި ހުރެފައި އައިއިރު ވަރަށްގިނަ ޗެލެންޖްތަކެއް މީޑިއާގައި އަޅުގަނޑާ އެބަކުރޭ. އަދިވެސް އިލްތިމާސްކުރަން، ވަރަށްބޮޑަށް އެދެން އަޅުގަނޑު ދިހަޔަކުން ފަށާއިރު އެހަށް ކޮންމްވެސްވަރެއް، ދެބައިކޮޅަ އެއްބައި ނަމަވެސް ހަމަކޮށްލާފަ ވާދަކުރަން ނިކުތިއްޔާ ވަރަށް ރަނގަޅުވާނެ. " ސުޒޭން ބުންޏެވެ.