ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން، ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުންނާ ބައްދަލުކުރައްވައި ހިތްވަރުދެއްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މުލިއާ ގޭގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޚާއްސަ އެހީތެރިކަން ހުންނަ ފަރާތްތަކުގެ ކަންކަން ގާތުން ބައްލަވައި އަދި ދެއްވާ އެހީތެރިކަމަށް ރައީސްގެ ދެ ކަނބަލުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ވަގުތުކޮޅެއް ހުސްކޮށްދެއްވައި އެ ޚާއްސަ ކުދިންނާ ރައީސް ބައްދަލުކޮށްލެއްވުމަކީ އެ ކުދިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް އަދި ހިތްހަމަޖެހުމެއް ކަމަށާއި، އެ އެތުލީޓުންވެސް ދިވެހިރާއްޖެ ފަޚުރުވެރިކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
ޖަރުމަނުގެ ވެރިރަށް ބާލިންގައި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 އިން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ރާއްޖެއިން މި މުބާރާތުގައި ވާދަކުރަނީ ދެ ކުޅިވަރެއްގައެވެ. އެއީ އެތުލެޓިކްސްގެ އިތުރުން ބެޑްމިންޓަނެވެ.
ބެޑްމިންޓަންގައި ޖުމްލަ ދެ އެތުލީޓުން ވާދަކުރާއިރު، އެ ދެ އެތުލީޓުންވެސް ވާދަކުރާނީ ސިންގަލްސް އިވެންޓުގައެވެ. އަދި އެތުލެޓިކްސްގައި ރާއްޖެއިން ވާދަކުރާނީ 100 މީޓަރާއި 200 މީޓަރު ދުވުމުގެ އިތުރުން ސްޓޭންޑިން ޖަމްޕް އިވެންޓުގައެވެ. އެތުލެޓިކްސްގައި ވާދަކުރާ އެތުލީޓުންނަކީ ހަސަން ސުޖޫދް ނާޝިދާއި، އިބްރާހީމް ހުމެއިދު މުޙައްމަދާއި، އައިޝަތު ލައިކާ ހަސަން އަދި ޒާނާ އަލީ ޝަރީފެވެ. އަދި ބެޑްމިންޓަނުގައި ރާއްޖެއިން ވާދަކުރާނީ އައިޝަތު މާނިޔާ އާދަމާއި، މުޙައްމަދު ރާއިފް ޝަރީފެވެ.
މިއީ ރާއްޖެއިން މި ގޭމްސްގައި ވާދަކުރާ ދެވަނަ ފަހަރެވެ. މީގެކުރިން 2019 ވަނަ އަހަރު އަބޫ ދާބީގައި ބޭއްވި ވޯލްޑް ގޭމްސްގައި ރާއްޖެއިން ވާދަކުރީ ހަމައެކަނި އެތުލެޓިކްސްގައެވެ. އެ ފަހަރު ނިއު ނޭޝަންސް ކެޓަގަރީގެ އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހީމް ވަނީ ރަން މެޑެލް ހޯދާފައެވެ. އަދި ފިރިހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ ވަސްމީ ވަހީދު ވަނީ ރިހި މެޑެލް ހޯދާފައެވެ.
މި އަހަރުގެ ގޭމްސްގައި 190 ގައުމަކުން ހަތްހާސް ފައްސަތޭކައެއްހާ އެތުލީޓުން ވާދަކުރާނެއެވެ.