ސިޔާސީ

ރައީސް ނަޝީދުގެ ޖަލު ޙުކުމް ލުއިކުރުމާމެދު މަޝްވަރާކުރައްވަނީ


ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަންފީޒްކުރައްވަމުން ގެންދަވާ 13 އަހަރު ދުވަހުގެ ޖަލު ޙުކުމަށް ލުޔެއް ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ސަރުކާރުން އެމްޑީޕީއަށް ދަޢުވަދެއްވައިފިއެވެ.

މީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ލުޔެއް ދިނުމާ ގުޅޭ ގޮތުން ސަރުކާރުން އެމްޑީޕީއާ އެކު މަޝްވަރާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އެންމެ އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، މަޝްވަތާއަށް ވަޑައިގަތުމަށްއެދި އެމްޑީޕީއަށް ސިޓީއެއް ފޮނުވާކަމަށެވެ. އަދި އެމްޑީޕީއާއެކު ވަކިން މަޝްވަރާކުރުމަށް ނިންމަވާ އެކަމަށް އެ ޕާޓީއަށް ދަޢުވަތުދެއްވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެޕާޓީ ބައިވެރިވުމަށް ބޭނުންވާ މާހައުލު ތަނަވަސްކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެމްޑީޕީއާއި އެކު މަޝްވަރާ ބައްދަލުވުން ތާވަލުކުރެވިފައިވަނީ މާދަމާ މެންދުރުފަހު އެކެއް ޖަހާއިރަށެވެ.

ސަރުކާރުން އިސްނަންގަވައިގެން ސިޔާސީ ޕާޓިތަކާއިއެކު މަޝްވަރާތައް ފަށްޓަވާފައިވާާއިރު، މިހާތަނަށް ދެ ބައްދަލުވުމެއް ބާއްވަވާފައިވެއެވެ. ނަމަވެސް އެމްޑީޕީއާއި އަދާލަތު ޕާޓީން އެ މަޝްވަރާތަކުގައި ބައިވެރިވެފައެއްނުވެއެވެ.

ޑރ.ޝައިނީ ވިދާޅުވީ،  ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ގެންދަވަނީ ބައިނަލްއަޤްވާމީ އެހީތެރިކަމާ އެކުގައިކަމަށެވެ. އެގޮތުން އދ.އާއި އެހެނިހެން ރާއްޖެއާއި ރަޙްމަތްތެރި ފަރާތްތަކުގެ އެހީތެރިކަމާއެކު އެމްޑީޕީ މަޝްވަރާތަކުގައި ބައިވެރިކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. 

މަޝްވަރާތަކުގައި މިހާތަނަށް ބައިވެރިވެރިވި ޕީޕީއެމްއާއި، އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީއާއި ޑީއާރުޕީން މަޝްވަރާތަކަށް ދަނީ އެއްބަރުލުން ދެއްވަމުންނެވެ.