ޚަބަރު

ކަޒަޚްސްތާންގެ ޖަންގައްޔެއްގައި ރޯވެ 14 މީހުން މަރުވެއްޖެ


ކަޒަޚްސްތާނުގެ އިރުއުތުރު ސަރަޙައްދުތަކުގައި އޮންނަ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރި 14 މީހުން މަރުވެއްޖެއެވެ. އަލިފާންގަނޑުތައް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި ޢާންމުންގެ ގެދޮރަށް ފެތުރެމުންދާއިރު، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. މަރުވެފައި ވަނީ، ޢާންމުން ސަލާމަތް ކުރަން މަސައްކަތް ކުރަމުންދާ ޓީމުގެ މެންބަރުންނެވެ.

ކަޒަޚްސްތާންގެ ކުއްލި ހާލަތްތަކާ ބެހޭ ވުޒާރާއިން ބުނީ އަލިފާންގަނޑުތަކުގެ ސަބަބުން ނުރައްކާވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ 316 އަށްވުރެ ގިނަ ޢާންމުން މިހާރު ވެސް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމުގައެވެ. އަދި، އިތުރު މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ނަމަވެސް، މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ މެދު ރައީސް ކާސިމް-ޖޯމަރްތް ޓޮކަޔެފް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އަދި، ކުއްލި ހާލަތްތަކާ ބެހޭ ވަޒީރު ޔޫރީ އިލްޔީން މަގާމުން ވަކި ކުރައްވާފައެވެ. އަލިފާނުގެ ހާދިސާގައި މަރުވެފައިވާ 14 މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާއިރު، މިއީ ފާއިތުވި އަހަރުތަކުގެ ތެރޭގައި މި ފަދަ ހާދިސާއެއްގައި އެ ޤައުމުން އެންމެ ގިނަ ޢަދަދެއްގެ ބަޔަކު އެއް ފަހަރާ މަރުވި ފަހަރެވެ.

ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވުމަށް ކުރަމުންދާ މަސައްކަތުގައި 1,000 އަށްވުރެ ގިނަ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް، އަލިފާންގަނޑުތަކާ އެކު މިހާރު ވެސް 60,000 ހެކްޓަރުގެ ސަރަޙައްދެއް އަނދާ ހުލިވެފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. އަދި، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު އިތުރު އޮފިޝަލުންތަކެއް ހޯދުމަށް ވެސް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ކަޒަޚްސްތާންގެ އިރުއުތުރުގެ ސަރަޙައްދުގެ ޖަންގަލިތަކުގައި އަލިފާން ރޯވެފައި ވަނީ އެ ސަރަޙައްދަށް އެރި ތޫފާނެއްގައި ހޮނުއެޅުމާ ގުޅިގެން ކަމަށް ބެލެވޭ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. އަލިފާންގަނޑުތައް އެންމެ ހަލުވިކޮށް ފެތުރެމުން ދަނީ އެ ޤައުމުގެ އިރުމަތީގައިވާ ކަރަގަންޑާ ސަރަޙައްދުގައެވެ.