މައިޒާންތަކާއި ޕާކުތަކާއި ބީޗުފަދަ ތަންތަނުގައި އެކިއެކި ހަރަކާތްތައް ބޭއްވުމާއި ކުއްޔަށް ދިނުމާއި ގުޅޭ އާ އުސޫލެއް ކަނޑައަޅުއްވާ، އެ އުސޫލަށް ޢަމަލުކުރަން ފައްޓަވައިފިއެވެ.
ހައުސިންގ މިނިސްޓްރީގެ ފަރާތުން އަލަށް އެކުލަވާލެއްވި މި އުސޫލު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރައްވާފައެވެ. މި އުސޫގައި، ކުއްޔަށް ދޫކުރެވޭނެތަންތަނާއި، ކުއްޔަށް ދޫކުރެވޭނެ އަގުތައް ބަޔާންކުރައްވާފައިވެއެވެ. އަދި ކުއްޔަށް ހިފުމާއި ކުއްޔަށް ހިފޭނެ ފަރާތްތަކާއި، ކުއްޔަށް ދޫކުރެވޭނެ މުއްދަތުވެސް މި އުސޫލުގައި ކަނޑައަޅާފައިވެއެވެ.
މާލޭގައި ހުރި ޕާކުތަކާއި މައިޒާންތަކާއި ބީޗު ފަދަ ތަންތަނަކީ އެކި އުމުރުފުރާތަކާގުޅޭ ތަފާތުހަރަކާތްތައް ބޭއްވޭނެ ގޮތަށް ތަރައްޤީ ކުރައްވާފައިވާ ވާތަންތަނެވެ. މާލޭގައި ހުރި މިފަދަ ތަންތަނުގެ ތެރެއިން، ހައުސިންގ މިނިސްޓްރީންކަނޑައަޅުއްވާ ތަންތަނުގައި އެކިއެކި ހަރަކާތްތައް ބޭއްވުމަށް އެ ތަންތަން ކުއްޔަށްދިނުމަށްޓަކައި އުސޫލުތައް ކަނޑައަޅުއްވައި، އެއުސޫލަތަކަށް މިހާރު ވަނީ އަމަލުކުރައްވަން ފައްޓަވާފައެވެ.
އަލަށް އެކުލަވާލެއްވި މި އުސޫލްގައިވާ ގޮތުން ކުއްޔަށް ދެވޭތަނުގައި ކުއްޔަށް ދެވޭ ދުވަހުގައި ބޭއްވޭނީ އެންމެ ހަރަކާތެކެވެ. އަދި ކުއްޔަށް ދޫކުރެވޭ އެއްވެސް ތަނެއްގައި ޞިއްޙަތައް ނޭދެވޭ އަސަރުކުރާ ފަދަ ކަންކަމާއި ނަފާލިބޭ ވިޔަފާރިއެއްގެ ޕްރޮމޯޝަނަލް ހަރަކާތް ނުހިންގޭނެއެވެ. ހަމައެހެންމެ، ސިޔާސީ އެއްވުމެއް ނުވަތަ ސިޔާސީ ޙަރަކާތެއް މި ފަދަތަންތަނުގައި ހިންގުންވެސް ވަނީ މަނާކޮށްފައެވެ. ކުއްޔަށް ހިފަން ބޭނުންވާ ތަނަކަށް ކަނޑައަޅާފައިވާ ކުލި އެއްފަހަރާ ދައްކަންވާނެކަމަށް ވެސް މި އުސޫލުގައި ވަނީ ކަނޑައަޅުއްވާފައެވެ. ކުއްޔަށް ހިފަން އެދެން ނުވަތަ ބުކިންގ ހެއްދުމަށް އެދެންވާނީ އެހަރަކާތެއް ބޭއްވުމުގެ 10 ދުވަސް ކުރިންނެވެ. އަދި މި އުސޫލުގެ ދަށުން މާލޭގައި ހުރި ޕާކުތަކާއި މައިޒާންތަކާއި ބީޗުފަދަތަންތަން ކުއްޔަށް އެންމެ ގިނަވެގެން ދޫކުރެވޭނީ ސައުވީސް ގަޑިއިރަށެވެ.މިތަންތަން ކުއްޔަށް ދޫކުރެވޭނީ ހަފުތާގެ ދުވަސްތަކުގެ ތެރެއިން 2 ދުވަހުގައި ކަމަށާއި، ކުއްޔަށް ދޫކުރެވޭ ދުވަސްތަކުގެ އަހަރީ ކަލަންޑަރެއް ކޮންމެ އަހަރަކު މިނިސްޓްރީން އިޢުލާން ކުރައްވާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި މިފަދަ ތަންތަން ކުއްޔަށް ހިފާ ކޮންމެ ފަރާތަކުން ތަން ކުއްޔަށް ހިފަން ދައްކަންޖެހޭ ކުލީގެ އިތުރުން ޑިޕޮސިޓް ފައިސާގެ ގޮތުގައި ކުއްޔަށް ހިފަން ދައްކަންޖެހޭ ޖުމުލަ ކުލީގެ 15 އިންސައްތަ ފައިސާވެސްދައްކަން ޖެހޭނެއެވެ.
ހައުސިންގ މިނިސްޓްރީން ވަނީ މިފަދަ ތަންތަން ކުއްޔަށް ދޫކުރައްވާނެ އަގުތައްވެސް މިހާރު އާއްމުކުރައްވާފައެވެ. އެގޮތުން ރައިވެރިބޭ މައިޒާންއާއި ވިލިނގިލީ ބީޗްގެ އިތުރުން އާޓިފިޝަލް ބީޗް ކުޑަކުދިންގެ ހަރަކާތްތަކަށް ދޫކުރެއްވުމަށް ހަމަޖެހިފައިވަނީ ގަޑިއިރަކަށް 500 ރުފިޔާއަށެވެ. އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކާއި ސްކޫލުތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކަށް ދޫކުރެއްވުމަށް ހަމަޖެހިފައިވަނީ ވެސް ގަޑިއިރަކަށް 500 ރުފިޔާއަށެވެ.
މުއިވެޔޮދޮށު މައިޒާނާއި ރަސްފަންނު ކުޑަކުދިންގެ ހަރަކާތްތަކަށް ދޫކުރެއްވުމަށް ހަމަޖެހިފައިވަނީ ގަޑިއިރަކަށް 200 ރުފިޔާއަށެވެ. އަދި އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކާއި ސްކޫލުތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކަށް މި ދެތަން ދޫކުރެއްވުމަށް ހަމަޖެހިފައިވަނީ ގަޑިއިރަކަށް 500 ރުފިޔާއަށެވެ. މި ފަދަތަންތަނުގައި ބާއްވާ ހަރަކާތުގެ ކުޑަބޮޑުމިނަށް ބަލައި އެހަރަކާތެއް ބާއްވާނެ ތަން ބަންދުކުރަން ޖެހިއްޖެ ނަމަ ބަންދު ކުރަންވޭނީ އެންމެ ގިނަވެގެން 4 ގަޑިއިރަށްކަމަށްވެސް ހައުސިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި ހަރަކާތަށް ތަން ތައްޔާރުކުރާ މަރުޙަލާގައި މުޅިތަން ބަންދުކޮށްފައި ނުބޭއްވޭނެކަންވެސް މިއުސޫލުގައި ވަނީ ބަޔާންކުރައްވާފައެވެ.
މީގެ އިތުރުން އެއްވެސް ފަރާތަކަށް ކުއްޔަށްދީފައިވާތަނެއް އެފަރާތްތަކުން ތަން ކުއްޔަށް ހިފުމަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ވަނިކޮށް ސަރުކާރުގެ މުހިންމު ބޭނުމަކަށް ކުއްލިގޮތަކަށް ތަންބޭނުންވެއްޖެ ހިނދެއްގައި ތަން ހިފާފައިވާ ހިފުން މި މިނިސްޓްރީއަށް ކެންސަލް ކުރެވޭނެއެވެ. އަދި މިފަދަ ހާލަތެއްމެދުވެރިވެއްޖެނަމަ މިނިސްޓްރީން އެފަރާތަށް ލިޔުމަކުން އަންގާނެކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިފަދަ ހާލަތެއްގައި ކުއްޔަށް ހިފިފަރާތުން ތަން ތައްޔާރުކުރުމުގެ ގޮތުން ކޮށްފައިވާ އެއްވެސް ޚަރަދަކަށް އެނޫންވެސްކަމަކަށް ހައުސިން މިނިސްޓްރީން ޒިންމާނުވާނެކަމަށް ވެސް އެމިނިސްޓްރީން ކަނޑައަޅުއްވާފައިވާ އުސޫލުގައި ބަޔާން ކުރައްވާފައިވެއެވެ.