އާޖެންޓީނާގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕުގެ ފައިނަލުން އިޓަލީ އާއި އުރުގުއާއީ ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލުން އިޓަލީ ޖާގަ ހޯދީ ރޭ ކުޅުނު ސެމީ ފައިނަލްގައި ދެކުނު ކޮރެއާއާ ބައްދަލުކޮށް ދެ ލަނޑު އެއް ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.
ލަ ޕްލާޓާގައި ކުޅުނު މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިޓަލީންނެވެ. ނަމަވެސް ދެކުނު ކޮރެއާއިންވެސް ވަނީ މިމެޗްގައި މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗްގެ 14 ވަނަ މިނެޓްގައި އިޓަލީން ވަނީ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ސެޒާރޭ ކަސަޑެއީއެވެ. މިއީ އޭނާ މިފަހަރުގެ މުބާރާތުގައި ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ. މިއާއެކު އޭނާ ވެފައިވަނީ ފީފާގެ މުބާރާތެއްގައި އެންމެ ގިނަ ލަނޑު ޖެހި އިޓަލީގެ ކުޅުންތެރިޔާއަށެވެ.
އިޓަލީން މި ލަނޑު ޖެހިތާ ނުވަ މިނެޓްފަހުން ދެކުނު ކޮރެއާއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުން ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ލީ ސެއުން ވޮންގެވެ. މި ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް މިމެޗުން އިޓަލީ މޮޅުކޮށްދިން ލަނޑު މެޗްގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސިމޯނޭ ޕަފުންޑީއެވެ. މިއީ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ފައިނަލުން އިޓަލީ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން މި މުބާރާތުގެ ފައިނަލުން އުރުގުއާއީ ޖާގަހޯދީ ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި އިސްރާއީލާ ބައްދަލުކޮށް އެއް ލަނޑު ސުން ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.
އިސްރާއީލުން ގިނައިރު ބޯޅަ ގެންގުޅުނު މި މެޗްގައި ގިނަ ހަމަލާ އުފައްދާފައިވަނީ އުރުގުއާއީންނެވެ. މި މެޗްގައި ދެޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި އުރުގުއާއީއަށް ކާމިޔާބުކޮށްދިނީ އެންޑަސަން ޑުއާޓޭއެވެ. މިލަނޑާއެކު އިސްރާއީލުން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް، އުރުގުއާއީން ވަނީ އެކަން ވިޔަނުދީ ހިފަހައްޓާލާފައެވެ.
މިކާމިޔާބީއާއެކު އުރުގުއާއީ ވަނީ 20 އަހަރުން ދަށުގެ ވޯލްޑް ކަޕުން ތިންވަނަ ފަހަރަށް ޖާގަހޯދި ހަވަނަ ޓީމަށް ވެގެން ގޮސްފައެވެ. އިޓަލީ އާއި އުރުގުއާއީ ބައްދަލުކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު ލަ ޕްލާޓާ ސްޓޭޑިއަމުގައެވެ. އަދި އަންނަ ހޮނިހިރު ދުވަހު އިސްރާއީލާއި ދެކުނު ކޮރެއާގެ މެދުގައި ތިންވަނަ ހޮވާ މެޗުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.