ޚަބަރު

ޚަރްސަންގެ ޑޭމް ގޮއްވައިލުމުން ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުކުރަނީ


ޔޫކްރެއިންގެ ދެކުނުގައި އޮންނަ ޚަރްސަންގެ ޑްނިޕްރޯ ކޯރުގައި އޮންނަ ކަޚްކޯވާ ޑޭމަށް ޙަމަލާދީ، ޑޭމް ހަލާކުކޮށްލުމާ ގުޅިގެން ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ޢާންމު ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަމުން އެބަގެންދެއެވެ. ނޯވާ ކަޚޮވްކާގައި އޮންނަ ޑޭމް ހަލާކުވުމާ ގުޅިގެން އެ ސަރަޙައްދުގައިވާ ރަށްތަކާއި އަވަށްތަކުގައި ވަނީ ފެންބޮޑުވެފައެވެ.

ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ 17,000 އެއްހާ މީހުން މިހާރު ވެސް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އަދި، އިތުރު މީހުން ސަލާމަތް ކުރަން ޔޫކްރެއިނުން ދަނީ މަސައްކަތް ކުރަމުންނެވެ.

ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހުމުގެ ބިރު ހީވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޑޭމް ގޮއްވައިލުމާ ގުޅިގެން ޚަރްސަންގެ 24 އަވަށެއްގައި ފެންބޮޑުވެފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ.

ފެންބޮޑުވުމުގެ އަސަރު 40,000 އަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާ ކަމުގައި ޔޫކްރެއިންގެ ޕްރޮސިކިއުޓަރ ޖެނެރަލް އެންޑްރީ ކޮސްޓިން ވިދާޅުވިއެވެ. އަދި، އިތުރު 24,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޚަރްސަންގައި ފެންބޮޑުވުމާ ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައިވާނެ ކަމަށް ބެލެވޭ ކަމުގައި އެމެރިކާއިން ބުނެއެވެ. ރަޝިޔާއާއި ޔޫކްރެއިނުން ވެސް ދަނީ، މި ހާދިސާގެ ޒިންމާ އަނެއް ޤައުމުގެ ކޮނޑުގައި އަޅުވަމުންނެވެ. ފެންބޮޑުވުމާ ގުޅިގެން އެއްވެސް މީހަކު މަރުވެފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައެއް ވެސް ނެތެވެ.

30 މީޓަރު އުސް އަދި 3.2 ކިލޯމީޓަރުގެ ދިގު ކަޚޮވްކާ ޑޭމްއަކީ ޑްނިޕްރޯ ކޯރުގައި ބިނާކޮށްފައިވާ ޑޭމްއެކެވެ. އެއީ، 1956 ވަނަ އަހަރު ކުރީގެ ރޫސީ ވިލާތުގެ ވެރިކަމުގައި ބިނާކޮށްފައިވާ ތަނެކެވެ. 2014 ވަނަ އަހަރު ރަޝިޔާއިން އަތްގަދަކޮށްފައިވާ ކްރައިމިޔާއަށާއި، ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓަށް ބޭނުންވާ ފެން ފޯރުކޮށްދެނީ އެ ޑޭމް މެދުވެރިކޮށެވެ.

ޔޫކްރެއިނުން ބުނީ ރަޝިޔާއިން އެ ޑޭމްއަށް ޙަމަލާދީފައި ވަނީ، ރަޝިޔާގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް އެ ޤައުމުގެ ފައުޖުތަކުން ފެށުމަށް ތައްޔާރުވަމުންދިޔަ އަސްކަރީ އޮޕަރޭޝަނަށް ހުރަސް އެޅުމުގެ ގޮތުން ކަމުގައެވެ. ނަމަވެސް، މި ޙަމަލާތަކާ ގުޅިގެން އެ ކެމްޕޭނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވިއެވެ.

ޑޭމްއަށް ދީފައިވާ ޙަމަލާތަކާ ގުޅިގެން އ.ދގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ވެސް ރަޝިޔާއާއި ޔޫކްރެއިނުން ވަނީ، އެ ޙަމަލާތަކުގެ ޒިންމާ އަނެއް ޤައުމުގެ ކޮނޑުގައި އަޅުވާފައެވެ.

ޖެނީވާ ކޮންވެންޝަންގެ އެޑިޝަނަލް ޕްރޮޓޮކޯލް 1ގައިވާ ގޮތުން، ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުންނަ މި ފަދަ ޢުމްރާނީ ވަސީލަތްތަކަށް ޙަމަލާދިނުމަކީ ހަނގުރާމައިގެ ކުށެކެވެ. ޔޫކްރެއިނާއި ރަޝިޔާއަކީ ވެސް އެ މުއާހަދާގައި ބައިވެރިވެފައިވާ ދެ ޤައުމު ކަން ފާހަގަކޮށްލަން ޖެހެއެވެ.