ޚަބަރު

ހެއިޓީގައި ފެންބޮޑުވެ 42 މީހުން މަރުވެއްޖެ


ކެރީބިޔަންގެ ޤައުމެއް ކަމުގައިވާ ހެއިޓީއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކެނޑުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 42 އަށް އަރައިފިއެވެ. ހުއްޓައިނުލައި ބޯކޮށް ވާރޭވެހުމާ ގުޅިގެން ހެއިޓީގެ 10 ސަރަޙައްދެއްގައި ފެންބޮޑުވެފައިވާ ކަމުގައި އެ ޤައުމުގެ އޮފިޝަލުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ވެރިރަށް ޕޯޚް-އޯ-ޕްރާންސް ވެސް ހިމެނެއެވެ.

ކުށްކުރާ ގުރޫޕުތަކުގެ ބާރާއި ނުފޫޒު ގަދަވެ، ހެއިޓީގެ ސުލްޙައާއި ހަމަނުޖެހުން އޮތީ ގެއްލިފައެވެ. ޕޯޚް-އޯ-ޕްރާންސްގެ އިތުރުން ބޮޑެތި އެހެން ރަށްތަކުގައި ވެސް ބާރު ހިންގަމުން ދަނީ އެ ގުރޫޕުތަކުންނެވެ. ގުރޫޕުތަކުގެ ހަރަކާތްތަކާ އެކު އެ ޤައުމަށް ވަނީ އިޤުތިޞާދީ ކާރިސާއަކާ ކުރިމަތިވެފައެވެ.

މި ދަނޑިވަޅުގައި މޫސުން ގޯސްވެ، ގިނަ ސަރަޙައްދުތަކެއްގައި ފެންބޮޑުވުމާ ގުޅިގެން އެ ޤައުމުގެ ރައްޔިތުންނަށް ވަނީ އިތުރު ނިކަމެތިކަމަކާ ކުރިމަތިލާން ޖެހިފައެވެ. ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި ގެއްލިފައިވާ ކަމަށް ބެލެވޭ 11 މީހަކު ހޯދުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

އ.ދއިން ބުނީ ފެންބޮޑުވުމާ ގުޅިގެން އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި 37,000 އެއްހާ މީހުންނަށް އަސަރުކޮށްފައިވާ ކަމުގައެވެ. އަދި، އޭގެ ތެރެއިން 13,400 އަށްވުރެ ގިނަ މީހުންނަށް އަމިއްލަ ވަޒަނާއި ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިފައިވާ ކަމުގައި ވެސް އ.ދއިން ބުނެއެވެ.

މޫސުން ގޯސްވެ ފެންބޮޑުވުމުގެ ކުރިން ވެސް އެ ޤައުމުގެ އާބާދީގެ ދެބައި އެއްބަޔަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ގޮސްފައި ވަނީ ނިކަމެތި ހާލުގައެވެ. އެ އެންމެން ވެސް އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ކަމުގައި އ.ދއިން ބުނެއެވެ.

ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޕޯޚް-އޯ-ޕްރާންސްގެ ހުޅަނގުދެކުނުން އޮންނަ ލިއޮގާން ހިމެނެއެވެ. ފެންބޮޑުވުމާއި ބިންގަނޑު ކެނޑި، ކިސަޑު ފޭބުމުގެ ހާދިސާތަކުގައި އެ ރަށުން 20 މީހުން ވަނީ މަރުވެފައެވެ.

އެ ރަށުގެ ތިން ކޯރެއް ފުރިގެން ބަންޑުންވެފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. އަދި، ދަނޑުބިންތައް ހަލާކުވެ، ގިނަ ޢަދަދެއްގެ ނައަމްސޫފި ވަނީ މަރުވެފައެވެ. އަދި، ގިނަ ޢަދަދެއްގެ ގެދޮރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ފެންބޮޑުވުމާ ގުޅިގެން ހެއިޓީގެ 10 ސަރަޙައްދެއްގައި ދިރިއުޅޭ އެތަކެއް ހާސް ބަޔަކު ހާލުގައި ޖެހިފައިވާއިރު، ގިނަ ރަށްތަކުން ސާފު ބޯފެނާއި ކާބޯތަކެތީގެ އިތުރުން ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހުސްވެފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. މި ހާދިސާތަކާ ގުޅިގެން ބޮޑުވަޒީރު އަރިއެލް އޮންރީ ވަނީ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު އެކުލަވައިލައްވާފައެވެ.

ހެއިޓީއަކީ ޤުދުރަތީ ކާރިސާތަކުގެ އަސަރު ވަރަށް ބޮޑަށް ކުރާ ޤައުމެކެވެ. ބޯކޮށް ވާރޭވެހި އެ ޤައުމުގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެފައި މި ވަނީ، އެ ޤައުމަށް ޢާންމު ގޮތެއްގައި ތޫފާންތައް އަރާ މޫސުމުގެ ކުރިން ކަމުގައި މޫސުން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.