ޚަބަރު

ކޮލަމްބޯގައި ފަށާފައިވާ މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުންކުރަނީ


ސްރީ ލަންކާގެ ސަރުކާރާ ދެކޮޅަށް ވެރިރަށް ކޮލަމްބޯގެ މަގުތަކުގައި މުޒާހަރާ ކުރަމުންދާ ދަރިވަރުން ހުއްޓުވަން އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރަން ފަށައިފިއެވެ. މި މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ގިނައީ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންނެވެ.

ކޮލަމްބޯގައި ސަރުކާރާ ދެކޮޅަށް އަލުން މުޒާހަރާ ކުރަން ފަށާފައި މި ވަނީ، ހުސްވި 2022 ވަނަ އަހަރު އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައި ތަޢުލީމު ހާސިލުކުރަމުން ދިޔަ ދަރިވަރުން މިނިވަން ކުރުމަށް ސަރުކާރަށް ބާރުއެޅުމުގެ ގޮތުންނެވެ. މުޒާހަރާގެ ބައިވެރިން ބުނީ، މިދިޔަ އަހަރުގެ މުޒާހަރާތަކުގައި ބައިވެރިވި ގިނަ ޢަދަދެއްގެ ދަރިވަރުން އަދިވެސް މިނިވަންކޮށްފައި ނުވާ ކަމުގައެވެ.

އަދި، އެ ދަރިވަރުންނާ ދެކޮޅަށް ސިޔާސީ ދަޢުވާތަކެއް އުފުލަން މަސައްކަތް ކުރަމުންދާ ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ތުހުމަތު ކުރަމުންނެވެ. މުޒާހަރާތައް ރޫޅައިލުމަށް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ކަރުނަ ގޭސް ޖަހާފައެވެ. އަދި، ވޯޓަރ ކެނަން ފަދަ ހަތިޔާރު ބޭނުންކުރަމުންދާ ކަމުގައި ވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމުގައި ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މުޒާހަރާތައް ރޫޅައިލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއް ނޫސްވެރިންނަށް ވެސް އަނިޔާވެފައިވެއެވެ. މީގެ ތެރޭގައި އަލްޖަޒީރާގެ ކެމެރާމަނެއް ވެސް ހިމެނެއެވެ.

ހުސްވި އަހަރުގެ މުޒާހަރާތަކާ ގުޅިގެން 22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސްރީ ލަންކާއަށް އިޤުތިޞާދީ ކާރިސާއަކާ ކުރިމަތިވިއެވެ. އަދި، އެއިރު ރައީސް ކަމުގައި ހުންނެވި ގޮތަބަޔަ ރާޖަޕަކްސައަށް ޤައުމު ދޫކޮށް ވަޑައިގަންނަވައި، އިސްތިޢުފާ ދެއްވަން ޖެހިވަޑައިގަތެވެ.

ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ރޫޅައިލުމުގެ ބޭނުމަކީ މުޒާހަރާ ކުރަމުންދާ ދަރިވަރުންގެ އަޑު ކަނޑުވައިލުން ކަމުގައި އެ ދަރިވަރުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި، ސަރުކާރާ ދެކޮޅަށް ތެދުވާ އެންމެން ހުއްޓުވައި، ސަރުކާރާ ދެކޮޅު ފަރާތްތަކަށް ބިރުދެއްކުން ކަމުގައި ވެސް އެ ދަރިވަރުން ތުހުމަތު ކުރެއެވެ.

ހުސްވި އަހަރުގެ މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ދަރިވަރުން މިނިވަން ކުރުމަށް ގޮވައިލާ ކޮލަމްބޯގައި މުޒާހަރާތައް ފަށާފައިވާއިރު، އެ ކުދިން މިނިވަން ކުރުމަށް ގޮވައިލާ ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެސް ދަނީ ސްރީ ލަންކާގެ ސަރުކާރަށް ބާރު އަޅަމުންނެވެ. އެ ދަރިވަރުން މިނިވަން ކުރުމަށް ގޮވައިލާފައިވާ ބައެއް ޖަމުޢިއްޔާތަކުގެ ތެރޭގައި އެމްނެސްޓީ އިންޓަރނޭޝަނަލާއި ހިޔުމަން ރައިޓްސް ވޮޗް ވެސް ހިމެނެއެވެ.