މިއަހަރު ޙައްޖަށްދާ ހުރިހާ ދިވެހިން މީނާ އަދި އަރަފާތުގައިވެސް ތިބޭނީ އެއް ސަރަޙައްދުގައިކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ދިވެހި ޙައްޖުވެރިންނަށް މިއަހަރު ޚިދުމަތްދޭ ”އަލް ބައިތު ގެސްޓްސް” އާ ދިވެހި ޙައްޖު މިޝަނުން ވަނީ ބައްދަލުކޮށްފައެވެ. މި ބައްދަލުވުން އޮތީ މައްކާގައި ހުންނަ އެ ކުންފުނީގެ މައި އޮފީހުގައެވެ.
އިސްލާމިކް މިނިސްޓްރީ ވިދާޅުވީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ޙައްޖުގެ ޚިދުމަތްދިނުމުގައި ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންނާއި، މިނާ އަދި ޢަރަފާތުގައި ޙައްޖުވެރިންނަށް ޚިދުމަތްދިނުމަށްޓަކައި ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭގޮތުންކަމަށެވެ. އަދި މީގެ އިތުރުން ކުރީ އަހަރުތަކުގައި ދިން ޚިދުމަތްތަކަށް ބަލާއިރު އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ދިވެހި ޙައްޖުވެރިންނަށްދޭ ޚިދުމަތްތައް މިއަހަރު އިތުރަށް ފުރިހަމަ ވެގެންދާނެކަމުގެ ޔަގީން ”އަލްބައިތު ގެސްޓްސް” ގެ މެނޭޖިން ޑިރެކްޓަރ އުސާމާ ޢަބްދުﷲ ދާނިޝް ދެއްވިކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މީގެއިތުރުން މި އަހަރު މިނާ އަދި ޢަރަފާތުގައިވެސް ދިވެހި އެންމެހައި ޙައްޖުވެރިން ތިބޭނީ އެއް ސަރަޙައްދުގައިކަމަށްވެސް އެ ކުންފުނިން ބުނެފައިވާކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދިވެހި ޙައްޖު މިޝަން ހުރިހައި ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ރާއްޖޭގެ ޙައްޖުގެ މިޝަންގައި އިސްކޮށް ހުންނަވާނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އަނިލްއެވެ.
މި އަހަރު ރާއްޖެއިން ޙައްޖަށް ދިޔުމުމަށް ކޯޓާ ދީފައިވަނީ 1000 މީހުންނެވެ. މީގެތެރެއިން 270 ޖާގަ ދީފައިވަނީ އަމިއްލަ ޖަމާއަތަކަށެވެ. ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުން ފުރަން ފަށާނީ މިމަހުގެ 12 ވަނަދުވަހުއެވެ. މިއަހަރުގެ ޙައްޖު ދުވަހަކީ މިމަހުގެ 27 ވަނަދުވަހެވެ.