ޚަބަރު

ޓްރަމްޕުގެ ނައިބު ރައީސް ޕެންސްވެސް ރިޔާސީ ރޭހަށް


2024 ވަނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އެ ޤައުމުގެ ކުރީގެ ނައިބު ރައީސް މައިކް ރަސްމީކޮށް އިޢުލާނު ކުރައްވައިފިއެވެ. ޕެންސް ނައިބު ރައީސް ކަމުގެ މަގާމު ފުރުއްވާފައި ވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދައުރުގައެވެ.

ޓްރަމްޕުގެ ވެރިކަމުގެ އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް ޕެންސް ވަނީ އޭނާއަށް ފުރިހަމައަށް ތާޢީދު ކުރައްވާފައެވެ. ނަމަވެސް، 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާނުގައި ޓްރަމްޕަށް ލިބުނު ނާކާމިޔާބީއަށް ފަހު ޕެންސް ވަނީ އޭނާއަށް ފެއަށް ޖެހިވަޑައިގަންނަވާފައެވެ. ވަކިން ޚާއްޞަކޮށް، ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް ޓްރަމްޕް ކުރައްވަމުން ގެންދެވި ތުހުމަތުތަކަށް ޕެންސް ތާޢީދު ކުރައްވާފައެއް ނުވެއެވެ. އަދި، ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ފާސްކުރުން ހުއްޓުވަން ޓްރަމްޕް ކުރެއްވި މަސައްކަތްތަކަށް ނޫނެކޭ ވިދާޅުވެ، ޕެންސް ވަނީ އެ ކަމަށް ހުރަސް އަޅުއްވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން ޕެންސް އިޢުލާނު ކުރެއްވުމާ އެކު، ރިޔާސީ ރޭހުގައި މިހާރު ވެސް ކެމްޕޭން ކުރައްވަމުން ގެންދަވާ ޓްރަމްޕުގެ ކޭމްޕަށް މި ވަނީ ސިހުމެއް ގެނުވާފައެވެ. 63 އަހަރުގެ ޕެންސްގެ ކެމްޕޭން ޓީމުން ވަނީ، ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރައްވާނެ ކަން އެ ޤައުމުގެ ފެޑެރަލް އިލެކްޝަންސް ކޮމިޝަނަށް އަންގައި، ފޯމު ހުށަހަޅާފައެވެ. އަޔޯވާ ސްޓޭޓްގައި މި ހަފުތާގެ ތެރޭގައި އޭނާގެ ކެމްޕޭން ރަސްމީކޮށް ފަށާނެއެވެ.

ޕެންސަކީ ކުރިން އިންޑިޔާނާ ސްޓޭޓްގެ ގަވަރުނަރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ޓްރަމްޕްގެ އިތުރުން އޭނާއަށް ވާދަކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ފްލޮރިޑާ ސްޓޭޓްގެ ގަވަރުނަރު ރޮން ޑިސެންޓިސް، ސެނެޓަރ ޓިމް ސްކޮޓް، އަދި ދެކުނު ކެރޮލައިނާގެ ކުރީގެ ގަވަރުނަރު ނިކީ ހެއިލީ ފާހަގަކޮށްލެވެއެވެ. އުތުރު ޑެކޯޓާގެ ގަވަރުނަރު ޑަގް ބަރގަމްގެ އިތުރުން ނިއު ޖަރޒީގެ ކުރީގެ ގަވަރުނަރު ކްރިސް ކްރިސްޓީ ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިޢުލާނު ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން ރަސްމީކޮށް އިޢުލާނު ކުރެއްވުމުގެ ކުރިން ވެސް ޕެންސް ވަނީ ނުރަސްމީކޮށް ކެމްޕޭން ހަރަކާތްތައް ފައްޓަވާފައެވެ. އަދި، ފާއިތުވި ދެ އަހަރެއްހާ ދުވަސް އޭނާ ހޭދަކުރައްވާފައި ވަނީ ތާޢީދު ހޯދުމުގެ ހަރަކާތްތަކުގައެވެ. ޚާއްޞަކޮށް އަޔޯވާ ސްޓޭޓްގެ އިތުރުން ނިއު ހެމްޝަޔަރގައި ގިނަ ބައްދަލުވުންތަކެއް ބާއްވަވާފައިވާ ކަން ފާހަގަކުރެވެއެވެ.