ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އއ. އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރެއްވުމަށް ބޭއްވެވި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ކުރެއްވި ދަތުރުފުޅެކެވެ.
2023 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވުން ނިމުމަކަށް ގެންނަވައި، ތިމާވެށްޓާ ރައްޓެހި ގޮތްގޮތަށް ހަކަތަ އުފައްދައި، ބޭނުންކުރާ ޤައުމަކަށް ބަދަލުކުރެއްވުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އއ. އުކުޅަހަށް ކުރެއްވި މި ދަތުރުފުޅުގައި “ބީޓް ޕްލާސްޓިކް ޕޮލިއުޝަން" ފެސްޓިވަލަށް ޒިޔާރަތްކުރެއްވިއެވެ. މިފެސްޓިވަލުގައި ކުނި ރިސައިކަލްކުރުމާއި، ކުނި ނައްތާލުމާއި، ކުނި ވަކިކުރުމާބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން ރީސައިކަލްކޮށްފައިވާ ޕްލާސްޓިކުން ހަދާފައިވާ ޑިސްޕްލޭތައް ދައްކާލާފައިވެއެވެ.
ރައީސްގެ މިދަތުރުފުޅުގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ވަނީ އއ.އުކުޅަހުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ އިޤްތިޞާދީ ތަރައްޤީ އާއި، ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.