ޚަބަރު

މީރާއަށް ހާޒިރުނުވި މީހަކު ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ( މީރާއަށް ) ހާޒިރުނުވި މީހަކު ބަންދުކޮށްގެން އެ އިދާރާއަށް ހާޒިރުކުރުމަށް ކޯޓަކުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ.

ހައިކޯޓުން މި އަމަރު ނެރެފައިވަނީ މީރާއަށް 3 ފަހަރެއްގެ މަތިން ހާޒިރުވުމަށް އެންގުމުންވެސް ހާޒިރުވެފައިނުވާ މީހެއްގެ މައްޗަށެވެ.

ހައިކޯޓްގެ އަމުރުގައި ބަޔާންކުރައްވާފައިވަނީ މީރާއަށް ހާޒިރުވާން އަންގަވާފައިވާ މީހާ 5 ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހާޒިރުވާންޖެހޭނެކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހާޒިރު ނުވެއްޖެނަމަ އޭނާ ހައްޔަރުކޮށްގެން މީރާއަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ހައިކޯޓުން ނެރުއްވި އަމުރުގައިވެއެވެ. ހައިކޯޓުން މި އަމުރު ނެރުއްވާފައިމިވަނީ އެފަދަ އަމުރަކަށް ކުރިމިނަލް ކޯޓްގައި އެދުމުން އަމުރު ނެރެދެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް އެކޯޓުން ނިންމުމުން އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމުންނެވެ.

ތަކުރާރުކޮށް އެންގުމުންވެސް މީރާއަށް ހާޒިރުނުވި މި މީހާ ހައްޔަރުކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދި އެކަން ޕީޖީ އޮފީހަށް ހުށައެޅުއްވީ މީރާއިންނެވެ.

ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤަވާއިދަށް މީރާއިން ދާދި ފަހުން ގެންނެވި އިސްލާހުގައިވަނީ ޓެކުހާއި ގުޅޭ ކަންކަމުގައި ސުވާލުކުރަން މީރާއިން ހާޒިރުވާން އަންގާ މީހަކު ހާޒިރު ނުވެއްޖެނަމަ އެމީހަކު ފުލުހުން މެދުވެރިކޮށް ހައްޔަރުކުރުމުގެ ބާރު މީރާއަށް ލިބިދޭކަމަށެވެ.