ސިޔާސީ

އަދީބުގެ ޝަރީއަތުގެ ހެކިބަސް ނެންގެވުން ފަސްކުރައްވައިފި


ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބް ފިސްތޯލައެއް ގެންގުޅުއްވިކަމުގެ ތުހުމަތުގައި ދައުލަތުން އެނާއާ ދެކޮޅަށް ދަޢުވާކުރައްވާ މައްސަލަގައި ހެކިބަސް ނެންގެވުން ފަސްކުރައްވައިފިއެވެ.

މި މައްސަލާގައި ދައުލަތުން އަޙްމަދު އަދީބުގެ މައްޗަށް އުފުއްލަވާފައިވަނީ ޓެރަރިޒަމްގެ ކުށުގެ ދަޢުވާއެވެ. މި މައްސަލާގައި މިއަދު ބޭއްވެވި އަޑުއެހުމުގައި އޮތީ ދައުލަތުން ހުށައެޅުއްވި ހެކިންގެ ހެކިބަސް ނެންގެވުމެވެ.

މައްސަލައިގެ އަޑުއެހުން ފެއްޓެވުމަށްފަހު މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވި މުހުތާޒު ފަހުމީ ވިދާޅުވީ މިއަދުގެ އަޑުއެހުމަށް ދެ ހެއްކަކު ޙާޟިކުރައްވަން ކޯޓުން ނިންމެވިކަމަށެވެ. އަދި އެ ގޮތަށް ނިންމެވީ އެ ދެހެކިންގެ ހެކިބަސް އެއްދުވަހެއްގައި ނަންގަވަން ބޭނުންފުޅުވާތީކަމަށެވެ. އެހެންމަވެސް ކޯޓަށް ޙާޟިރުވީ އެންމެ ހެއްކެއްކަމުން މިއަދުގެ އަޑުއެހުން ކެންސަލްކުރައްވައި އެހެން ދުވަހަކަށް އަޑުއެހުން ތާވަލުކުރައްވާނެކަމަށް މުހްތާޒު ފަހުމީ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ހެކީގެ ގޮތުގައި ފުލުހުންނާއި ސިފައިންގެ ދެ ލިޔުމެއް ހުށައެޅުމަށް އެދިވަޑައިގެންފައެވެ. މި ދެ ލިޔުމަކީ ފުލުހުންނާއި ސިފައިން ރާއްޖެއިން ބޭރުން ތައްޔާރުކުރައްވާފައިވާ ދެ ލިޔުންކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި ކުރިން އެ ދެ ލިޔުން ހުށަނޭޅުއްވީ އެލިޔުންތައް ހުރިކަން އެގިވަޑއިގެންފައި ނުވާތީކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުން އެ ލިޔުންތައް ހުށައަޅުއްވަން ފުރުޞަތު ދެއްވުމަށް އަޙުމަދު އަދީބުގެ ވަކީލުން ވަނީ ދެކޮޅު ހަދާފައެވެ. ދައުލަތުން އަޙުމަދު އަދީބުގެ މައްޗަށް އުފުއްލަވާފައިވާ ޓެރަރިޒަމްގެ ކުށުގެ ދަޢުވާގައި ބވަނީ އަދީބު ދިރިއުޅުއްވި އެޕާރޓްމެންޓްގައި ފިސްތޯލަކާއި ތިން ވަޒަން ގެންގުޅުއްވާފައިވާ ކަމަށެވެ. ދައުލަތުގެ މި ދައުވާޢަށް އަދީބު ވަނީ އިންކާރުކުރައްވާފައެވެ.