ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއަށް ކުރެއްވި 3 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ރައީސް ސާލިހު އައްޑޫ ސިޓީއަށް ކުރެއްވި 3 ދުވަހުގެ ރަސްމީ ދަތުރުފުޅަކީ އެ ސިޓީގައި ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކެއް އިފްތިތާޙުކޮށްދެއްވުމަށާއި، މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖްމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެ ސިޓީން އެމަނިކުފާނަށް ވަނީ ވަރަށްވެސް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވާދެއްވުމާއެކުވެސް ރަށުގެ ރައްޔިތުންގެ ފަރާތުން ހޫނު މަރުޙަބާއެއް ލިބިވަޑައިގަތެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 1.6 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން 232 ހެކްޓަރުގެ ބިން އައްޑޫއަށް އިތުރުކުރެވޭނެއެވެ. މިއީ އައްޑޫގެ ތާރީޚުގައިވެސް ހިންގޭ ބިމުގެ އެންމެ ބިޔަ ބޮޑު މަޝްރޫޢެވެ. އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަވަނީ ފަތުރުވެރިކަމަށްވެސް ޚާއްސަކުރައްވައިގެންވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަނީ ދެކުނުގެ މައި ދޮރާށި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ އަމަލީ މަސައްކަތްވެސް ފަށްޓަވަދެއްވާފައެވެ. މި އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ހަމަޖެހިފައިވަނީ އަހަރަކު 1.5 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ފަސިންޖަރ ޓާމިނަލްއާއެކުގައެވެ. މީގެ އިތުރަށް ބައިނަލްއަޤވަމީ އެހެން އެއަރޕޯޓްތައް ހުންނަ ފެންވަރަށް އިތުރު ވަޞީލަތްތައްވެސް މިތަނުގައި ހުންނާނެއެވެ. އެގޮތުން ޑިއުޓީ ފްރީ ފިހާރަތަކާއި ލައުންޖްތަކާއި ކޯލްޑް ސްޓޯރޭޖްވެސް ހިމެނެއެވެ.

އައްޑޫ ސިޓީ ބިންހިއްކުމުގެ މަޝްރޫޢުއާއި އެއރަޕޯޓް ތަރައްޤީކުރެއްވުމުގެ މަޝްރޫޢުއާއެކު ފަތުރުވެރިކަމާއި އިޤްތިޞާދީ ބިޔަ ހަރަކާތްތަކަށް މުޅި އައްޑޫ ސިޓީ މިހާރަށްވުރެ ބޮޑަށް ހުޅުވާލެދެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އެ ސިޓީ އިޤްތިޞާދީ މައި ހަބަކަށްވެގެންދާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަނީ އައްޑޫ ސިޓީ މަގުތައް ތަރައްޤީކުރެއްވުމުގެ މަސައްކަތްވެސް ކުރިއަށްދާގޮތް ބަލައްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ އައްޑޫސިޓީ ހިތަދޫ މަގުތައް ހެދުމުގެ މަސައްކަތްކުރަމުން އަންނަ ސަރަޙަށްދަށް ވަޑައިގެން އެ މަސައްކަތް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު އޮޅުން ފިލުވާފައެވެ. އައްޑޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ރައްޔިތުންގެ އެދުމަށް އެ މަޝްރޫއަށް ބައެއް ބަދަލުތައްގެނެސް 207 ކިލޯމީޓަރުގެ މަގު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެ މަނިކުފާނު އެ ސަރަޙައްދަށް ވަޑައިގެން ވަނީ އެ ސަރަޙައްދުގެ ބައެއް ގެތަކަށް ވަޑައިގެން ހާލުބައްލަވާލައްވާފައެވެ.

އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫސިޓީގެ ކައުންސިލްގެ މެމްބަރުންނާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރެއްވިއެވެ. އަދި އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަން ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައިސް ވަނީ އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހާއްސަ ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އަންނަ އެލަވަންސް ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނިމިފައިވާކަމަށާއި ވަރަށް އަވަހަށް އެކަން އިޢުލާންކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އިސްރަށްވެހިންނަށް ސަރުކާރުން މިހާރުދެމުން އަންނަ އެލަވަންސްވެސް ބޮޑުކުރުމަށް ނިންމަވާފައިވަކަމަށް ވިދާޅުވެ އެ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކުރިއަށް އޮތް ފަސްއަހަރު ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ބައެއްކަންކަމުގެ މައްޗަށްވެސް ބައްލަވާލައްވާފައެވެ.

މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ ކައުންސިލްގެ ފަރާތުން ވަނީ އައްޑޫއަށް އަންނަމުންދާ ތަރައްޤީ ފާހަގަކޮށް ހަވާ އެރުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފައެވެ.

އައްޑޫސިޓީއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފަހު މަންޒިލަކަށް ވަޑައިގެންނެވީ ހުޅުމީދޫއަށެވެ. އެރަށަށް ވަޑައިގެން އެމަނިކުފާނު ވަނީ ހުޅުމީދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރަށް ވަޑައިގެން އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. އައްޑޫ ސިޓީގައި ސަރުކާރުން ހިންގާ ބިން ހިއްކުމާއި، މަގުހެދުމާއި، އެއަރޕޯޓް ތަރައްޤީކުރުމާއި، އިޖްތިމާޢީ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއެކު ތަރައްޤީގެ މަގުގައި އައްޑޫގެ ރައްޔިތުން ބާކީކޮށް ނުލާނެކަން ޔަގީންވެފައިވާކަމަށް އައްޑޫ ސިޓީގެ ރައްޔިތުން ބުނެއެވެ.