ޚަބަރު

މުހުތާޒްގެ މައްޗަށް 3 ދަޢުވާއެއް، ނިހާންގެ މައްޗަށް 4 ދައުވާއެއް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ޞައްޙަނޫން ކޯޓް އަމުރެއް ނެރުނު މައްސަލާގައި ހައްޔަރުކުރައްވާފައިވާ ކުރީގެ ޕެރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުޙުސިނާއި އދ. މާމިގިލީ ކޯޓްގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނިހާންގެ މައްޗަށް ދައުލަތުން ދަޢުވާ އުފުއްލަވައިފިއެވެ.

މި މައްސަލާގައި ދައުލަތުން މުހުތާޒު މުޙުސިންގެ މައްޗަށް 3 ދައުވާޢެއް އުފުއްލާފައިވެއެވެ. އަދި އަޙުމަދު ނިހާންގެ މައްޗަށް 4 ދަޢުވާއެއް އުފުއްލަވާފައިވެއެވެ.

މުހުތާޒް މުޙުސިންގެ މައްޗަށް އުފުއްލަވާފައިވަނީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓަން އުޅުނުކަމުގެ ކުށުގެ ދަޢުވާއާއި ވަކި އުޞޫލަކުން ދޫކޮށްފައިވާ ލިޔުމެއް ޞައްޙަ ނޫންގޮތެއްގައި ދައްކަން އުޅުމުގެ ކުށުގެ ދަޢުވާއާއި ވަކި އަސްލެއް އޮތް އެއްޗެއްކަމުގައި ޞައްޙަ ނޫން ގޮތެއްގައި ދެއްކުމަށްޓައި ލިޔުމެއް އުފެދުމުގެ ކުށުގެ ދަޢުވާއެވެ.

އދ. މާމިގިލީ ކޯޓްގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނިހާންގެ މައްޗަށް އުފުއްލަވާފައިވާ ވަނީ ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފަހައްޓަން އުޅުމުގެ ކުށުގެ ދަޢުވާއާއި ވަކި އަސްލެއް އޮތް އެއްޗެއްކަމުގައި ޞައްޙަ ނޫން ގޮތެއްގައި ދެއްކުމަށްޓައި ލިޔުމެއް އުފެދުމުގެ ކުށުގެ ދައުވާއާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއާއި ރަސްމީ ހައްސިއްޔަތު ނަހަމު ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

މި ދެމީހުންގެ މައްޗަށްވެސް ދައުލަތުން ދަޢުވާ އުފުއްލަވާފައިވަނީ އާ ޤާނޫނުލްއުޤޫބާތުގެ ދަށުންނެވެ. އާ ޤާނޫނުލްއުޤޫބާތުގައި ބުނާގޮތުން ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމަކީ ޖިނާޢަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށަށް ދެވޭ އެންމެ ބޮޑު އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 8 އަހަރަށް ޖަލަށްލުމެވެ.