ކުޅިވަރު

އެންބީއޭ ފައިނަލްސްގެ ދެވަނަ މެޗު ހީޓުން ކާމިޔާބުކޮށްފި


އެންބީއޭ ފައިނަލްސްގެ ދެވަނަ މެޗު މައޭމީ ހީޓުން ކާމިޔާބުކޮށްފިއެވެ.

ރަށުން ބޭރުގައި ޑެންވަރ ނަގެޓްސްއާ ބައްދަލުކުރި މި މެޗް ހީޓުން ކާމިޔާބުކުރީ 111 ޕޮއިންޓް 108 ޕޮއިންޓުންނެވެ.

މިމެޗްގެ ފުރަތަމަ ހާފް ނިމުނުއިރު ނަގެޓްސް ހަ ޕޮއިންޓްގެ ލީޑެއްގައި އޮތްއިރު، ތިންވަނަ ކްއާޓަރ ނިމުނުއިރު އަށް ޕޮއިންޓަށް ލީޑު ފުޅާކުރިއެވެ. ނަމަވެސް މިމެޗްގެ ހަތަރުވަނަ ކްއާޓަރުގައި ހީޓުން ވަނީ މޮޅު ކުޅުމެއް ދައްކާ ލީޑު ނަގާފައެވެ. އެގޮތުން ހަތަރުވަނަ ކްއާޓަރުގައި ހީޓުން ވަނީ ނަގެޓްސްއަށް ވުރެ 11 ޕޮއިންޓް އިތުރަށް ހޯދާފައެވެ.

މިމެޗްގައި ހީޓްގެ ބޭމް އަޑެބަޔޯ ވަނީ 21 ޕޮއިންޓް ހޯދާދީ ނުވަ ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ކޮށްފައެވެ. އަދި ޖިމީ ބަޓްލަރ ވަނީ 21 ޕޮއިންޓް ހޯދާދީ ހަތަރު ރީބައުން ނަގަދީ ނުވަ އެސިސްޓް ކޮށްފައެވެ. މިމެޗުގައި ނަގެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 41 ޕޮއިންޓް ހޯދާދީ 11 ރިބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ނިކޮލާ ޔޮކިޗެވެ.

މިއީ މިއަހަރުގެ މާރޗް މަހުގެ 30 ވަނަ ދުވަހަށްފަހު އަމިއްލަ ކޯޓްގައި ކުޅެ ނަގެޓްސް ބަލިވި ފުރަތަމަ މެޗެވެ. މިދެޓީގެ މެދުގައި ކުޅޭ ތިންވަނަ މެޗާއި ހަތަރުވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މައޭމީގެ ކަސޭޔާ ސެންޓަރގައި ކަމުން، ހީޓަށް އަމިއްލަ ކޯޓްގައި ކުޅުމުގެ ފައިދާ ނެގުމުގެ ފުރުސަތު ބޮޑުކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.