ޚަބަރު

ރ. އަތޮޅު ދެކުނު ބިތުގައި އެއަރޕޯޓް އަޅާނީ ބެރިޔަންފަރުގައި: ރައީސް


ރ،އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓް އަޅާނީ އެއަތޮޅު ބެރިޔަންފަރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި އެކީ އެއްފަހަރާ ހިންގަންޖެހޭ މަޝްރޫޢުތައް ނުހިނގާ ފަރު ނުޖެހޭނެ ކަމަށާއި، އެފަދަ ހުރިހާ މަޝްރޫޢެއް ސަރުކާރުން ހިންގަވަމުން ގެންދަވާ ކަމަށެވެ. އަދި އެއްގަމާއި ކަނޑާއި ވައިގެ ވިއުގައަކުން މުޅި ރާއްޖެ ގަތާލެވިގެން ނޫނީ، އުފާވެރި، ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވައިގެ މަގުން ރާއްޖެ ގުޅާލުމުގެ މަސައްކަތް މުޅި ރާއްޖޭގައި އެދަނީ ކުރިއަށް. މި މަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނުބުރިއަށް އިތުރުކުރެވޭ އެއަރޕޯޓް އަޅުގަނޑުމެން އަޅާނީ އިރާދަކުރެއްވިއްޔާ އެ އަތޮޅު ބެރިޔަންފަރުގައި". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރ.އަތޮޅަށް އިތުރު އެއަރޕޯޓެއް މުހިންމު ކަމަށާއި އެ ސަރަޙައްދަށް އިތުރު އެއަރޕޯޓެއް އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއިއެކު ރ.އަތޮޅުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިބައްދަލުވުމުގައި ރައީސް ވިދާޅުވީ ރ.އަތޮޅުގައި ދެން އެއަރޕޯޓެއް އަޅާނީ ހުރިހާ ރަށަކަށް އެންމެ ރަނގަޅު ގޮތަކަށް ބެއްލެވުމަށް ފަހުގައި ކަމަށެވެ. އެހެންނަމަވެސް މިބައްދަލުވުމުގައި އެއަރޕޯޓް އަޅުއްވާނީ ކޮން ރަށެއްގައި ކަމެއް ރައީސް ހާމަނުކުރައްވައެވެ.

ރ.އަތޮޅުގައި މިވަގުތު އޮންނަނީ 2015 ވަނަ އަހަރު ހުޅުވި އިފުރު އެއަރޕޯޓެވެ. އެހެންނަމަވެސް އެއަތޮޅުގެ ދެކުނުގެ ރަށްތަކާ
އެއެއަރޕޯޓާ ދުރުވުމުގެ ސަބަބުން ރައްޔިތުންނަށް ތަކުލީފްތަކާ ކުރިމަތިލާން ޖެހެއެވެ.

މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއަރޕޯޓް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން، މ.މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރައްވައިގެންދަނީ ކުރަމުންނެވެ. އެމްޓީސީސީން ބުނެފައިވަނީ މިއަހަރުގެ މެދުތެރޭގައި އެއަރޕޯޓް ހުޅުވޭވަރުވާނެ ކަމަށެވެ. މީގެ އިތުރުން ގދ. ފަރެސްމާތޮޑާގައި ތަރައްޤީ ކުރި އެއަރޕޯޓް މިހާރުވަނީ ހުޅުވާފައެވެ.