ޚަބަރު

ބަންޑާރަ ނައިބުގެ އިތުބާރު ނެތް މައްސަލަ އަނެއްކާވެސް މާދަމާ


ޗާގޯސް މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އަނެއްކާވެސް އެޖެންޑާކޮށްފިއެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމަށް ބުނެ ހުށައެޅި މައްސަލަ މިދިޔަ ހަފްތާގެ ބުދަ ދުވަހަށް މަޖލީހުގައި އެޖެންޑާކުރެއްވިއެވެ. އެދުވަހުގެ ޖަލްސާއަށް ބަންޑާރަ ނައިބު ވަޑައިނުގެން ލިޔުމުން ޖަވާބުދާރީވެވަޑާއިގެންފައިވާތީ މަޖިލީހުގައި ޚިޔާލު ތަފާތުވުންތައް އުފެދި އެ މައްސަލަވަނީ ކުރިޔަށް ނުގެންދެވިފައެވެ.

ޚިޔާލު ތަފާތުންވުން އުފެދުނީ އެމްޑީޕީ ފިޔަވާ މަޖިލީހުގައި ދެން ހިމެނޭ ޕާޓީތަކުން ބަންޑާރަ ނައިބަށް ލިޔުމުން ޖަވާބުދާރީވެޑައި ނުގެންނެވޭނަކަމަށް ބުނުމުންނެވެ. އެމްޑީޕީގެ މެމްބަރުން ވިދާޅުވަމުން ގެންދެވީ ގާނޫނު އަސާސީގައި "އަނގަބަހުންނާއި ލިޔުމުން" ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިވަޑައިގަންނަވާކަމަށެވެ. މަޖިލީހުގެ ރައީސް އެދުވަހު ނިންމެވީ މިކަމުގައި ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށެވެ.

އެކަމާއި ގުޅިގެން ބަންޑާރަ ނާއިބު އޭގެ ފަހުން މަޖިލީހަށް ފޮނުއްވެވި ސިޓީފުޅުގައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލާގައި ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް ނިންމެވީ، އެމައްސަލަ ތަފްސީލީގޮތެއްގައި ރައްޔިތުންނަށް ޙާމަކޮށްދެއްވުމުގެ ގޮތުންކަމަށެވެ. އަދި މަޖިލީހަށް ޙާޒިރުވެވަޑައިގެން ޖަވާބުދެއްވުމަށް ތައްޔާރަށް ހުންނެވިކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިވަނީ، ރާއްޖެއާއި މޮރީޝަސްއާއި ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައެވެ. މި މައްސަލަ ހުށައެޅުއްވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންނެވެ.