އައްޑޫ އެއަރޕޯޓް ތަރައްޤީވުމުން ފަތުރުވެރިކަމުގެ އިތުރުން، ބޮޑު ކަންނެލީގެ ވިޔަފާރީއަށްވެސް ކުރިއެރުންތަކެއްވެސް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ އައްޑޫގެ ފަހުރަކަށްވުމަށް އައްޑޫގެ ރައްޔިތުން އެދޭ އުއްމީދު ހަޤީގަތަކަށް ހައްދަވައިދެއްވާނެކަމަށެވެ.
އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭގޮތަށް ތަރައްޤީކުރާ ގަން އިންޓަރނޭޝަނަލް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ފަތުރުވެރިކަމާއި އިޤްތިޞާދީ އެހެން ސިނާއަތްތައް ކުރިއަރައި، ވަޒީފާގެ ފުރުސަތުތައް އިތުރުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އެއަރޕޯޓްގައި ހިނގާ މުދަލުގެ މުއާމަލާތް އިތުރުވާނެތީ، އެއަރޕޯޓް ތަރައްޤީކުރާނީ އެކަމަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއި ކާގޯ ފެސިލިޓީގެ ޙިދުމަތްތަކާއެކުކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ސަރަހައްދީ އިޤްތިޞާދީ ނާރެހެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްޤީކުރުމަކީ މުޅި ރާއްޖޭގެ ތަރައްޤީ ބޭނުންނަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެން މިކުރަނީ އެ މަސައްކަތް. މި ދެންނެވި މަޤްސަދު ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ލިސްޓްގެ ނަމްބަރު އެކެއްގައި ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް. މިއަދި މިތަނަށް ޖަމާވެ، ރަސްމީގޮތުން މި ފެށީ އެ މަސައްކަތް" ރައީސް ވިދާޅުވިއެވެ.
— The President's Office (@presidencymv) June 4, 2023
ރައީސް ވިދާޅުވީ ދެކުނު އަދި އައްޑޫގެ ބޮޑު ކަންނެލި އެކްސްޕޯޓް ކުރުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް މި އެއަރޕޯޓުން ލިބޭނެ ބޮޑެތި މަންފާތަކެއް އެބަހުރިކަމަށެވެ. އެގޮތުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާއި ގަން އެއަރޕޯޓުގައި ތަރައްޤީކުރާ ކޯލްޑް ސްޓޯރޭޓާއި ކާގޯ ފެސިލިޓީގެ ސަބަބުން މަސް އެކްސްޕޯޓްކުރުމުގެ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ.
"ޚަރަދު ކުޑަވެ، މަގު ކުރުވެ، މަސައްކަތުގެ ރަނގަޅު އަގު އަވަހަށް ލިބޭނެ ހައްލެއް. އައްޑޫގައި ހުރި 50 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ 100 މެޓްރިކް ޓަނަށް ބޮޑުކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖުލައިމަހު މިފްކޯއިން ފަށާނެ. އަދި އޮގަސްޓްމަހުގެ ތެރޭގައި މިފްކޯގެ މަސް ބަނދަރު ބޭނުންކުރަން ފެށޭވަރަށް ތަރައްޤީކޮށް ނިމޭނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ތަރައްޤީއާއި ކުރިއެރުން ލިބެން އޮތީ އިޤްތިޞާދީ ހުރިހާ ސިނާއަތްތަކެއްވެސް ހިންގައިގެންކަމަށާއި، އައްޑޫ ސިޓީގައިވެސް ސަރުކާރުން ކުރަމުންދަނީ އެ މަސައްކަތްކަމަށެވެ. އަދި މުޅި ރާއްޖޭގައި އެކީ އެއް ފަހަރާ ހިންގަންޖެހޭ މަޝްރޫޢުތައް ނުހިންގާ ރާއްޖެ ތަރައްޤީ ނުކުރެވޭނެކަމަށާއި، އެއް ގަމާއި ވައިގެ ވިއުގައަކުން މުޅި ރާއްޖެ ގުޅުވާލަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުން މިއަދު ކުރަމުންގެންދާ ކޮންމެ މަސައްކަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ރާއްޖޭގެ ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކެއްކަމަށެވެ. އަދި މިއީ އަންނާން އޮތް ޖީލުތަކަށް އެކަށޭނެ އުފާ ފާގަތި ދިރިއުޅުމެއް ލިއްބައިދިނުމަށް ކުރާ މަސައްކަތްތަކެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.