ޚަބަރު

ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް މިމަހުގެ20ގައި ބާއްވަނީ


ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން، މިމަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ މެޑިކަލް ކޭމްޕްގައި ބައިވެރިވުމަށް މިހާތަނަށް ހިތުގެ ބަލީގެ 120 ކުދިން ނަންނޯޓްކޮށްފައިވާ ކަމަށް އެޖަމްއިއްޔާއިން ބުނެފިއެވެ.

މެޑިކަލް ކޭމްޕާއި ބެހޭ މައްލޫމާތު ޕީ.އެސް.އެމްއާއި ހިއްސާ ކުރައްވަމުން ޓައިނީ ހާޓް އޮފް މޯލްޑިވްސްގެ ޗެއަރ ޕާސަން ފިއުނާޒް ވަހީދު ވިދާޅުވީ " ކެއަރ ފޯރ ޓައިނީ ހާޓްސް" ގެ ނަމުގައި މިމަހުގެ ވިހިން ބާވީހަށް ބޭއްވުމަށް ހަމަޖެހިފައިވާ މެޑިކަލް ކޭމްޕުގައި ހިލޭ ޑޮކްޓަރަށް ދެއްކުމާއިއެކޯ ކާޑިއޯގްރާމް ހެދުމުގެ ފުރުޞަތު ލިބިގެންދާނޭކަމަށެވެ. އަދި މިފަހަރުގެ ކޭމްޕްގައި ފުރުޞަތު ދޭން ހަމަޖެހިފައިވަނީ ޖުމްލަ 175 ކުދިންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަހަރު ފުރުޞަތު ދޭނީ 175 ކުދިންނަށް.ތަރްހީބް ވަރަށް ބޮޑޭ ބުނެވޭނީ. މިހާތަނަށް 120 ކުދިން ނޯޓްކޮށްފައިވޭ. އިދާރީ މަސައްކަތްތައް ކުރުމަށާއި،އިންތިޒާމީ ސަބަބު ތަކައްޓަކައި މިމަހުގެ ދިހަވަނަ ދުވަހު ކޭމްޕަށް ނަންނޯޓް ކުުރުމުގެ ފުރުޞަތު ހުއްޓާލާނަން. އެހެންނަމަވެސް ވީހާ ގިނަ ކުދިންނަށް ކޭމްޕްގެ ތެރެއިން ޚިދްމަތް ދެވޭނެ ގޮތެއް ފަހި ކުރެވޭތޯ މަސައްކަތް ކުރާނަން." ފިއުނާޒް ވިދާޅުވިއެވެ.



 ހިތުގެ ބަލި ތަޙައްމަލް ކުރަމުންދާ ކުދިންނަށް ލުއި ފަސޭހަ ގޮތެއްގައި ހިތުގެ ޚާއްޞަ ޑޮކްޓަރަށް ދެއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން 2009 ވަނަ އަހަރުން ފެށިގެން ޓައިނީ ހާޓްސްއިން ދަނީ މެޑިކަލް ކޭމްޕް ބާއްވަމުންނެވެ.

ޓައިނީ ހާޓްސްއިން ބުނާ ގޮތުގައި މިފަހަރުގެ ކޭމްޕުގައި ފަރުވާދެއްވާނީ ދިވެހިން އެންމެ ގިނަ އަދަދަކަށް ހިތުގެ ފަރުވާ ލިބިގަންނަމުންދާ ، އިންޑިޔާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގެ ޚާއްޞަ ދެޑޮކްޓަރުންނެވެ.

އަދި ދިވެހި ޑޮކްޓަރުންވެސް ކޭމްޕްގައި ބައިވެރިވަާނެކަމަށް އެ ޖަމްއިއްޔާއިން ހާމަކުރެއެވެ.