ޚަބަރު

މުހުތާޒްގެ ބަންދަށް ހައިކޯޓުން 7 ދުވަސް އިތުރުކޮށްދެއްވައިފި


ޞައްޙަނޫން ލިޔެކިއުމެއް ތައްޔާރުކޮށް އެލިޔުން ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުށް މަސައްކަތްކުރި މައްސަލައިގައި ކުރީގެ ޕީޖީ މުހުތާޒް މުޙުސިންގެ ބަންދަށް ހައިކޯޓުން 7 ދުވަސް އިތުރުކޮށްދެއްވައިފިއެވެ.

މިއީ ހައިކޯޓުން މުހުތާޒްގެ ބަންދަށް މުއްދަތު އިތުރުކޮށްދެއްވި 2 ވަނަ ފަހަރެވެ. ހައިކޯޓުން މުހުތާޒްގެ ބަންދަށް 7 ދުވަސް އިތުރުކުރެއްވީ، މުހުތާޒް ބަންދުން ދޫކޮށްލެއްވުމަށް ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުން ފުލުހުން ހައިކޯޓުގައި އިސްތިޢުނާފް ކުރެއްވުމުންނެވެ.

ކްރިމިނަލް ކޯޓުން މުހުތާޒް ބަންދުން ދޫކޮށްލެއްވީ އޭނާގެ މައްޗަށް ދަޢުވާކުރެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވައިފައިވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރެއްވުމަށް ޞައްޙަ ނޫން ކޯޓް އަމުރެއް ނެރުނު މައްސަލައާ ގުޅިގެން ކުރީގެ ޕީޖީ މުހުތާޒް މުޙުސިން ހައްޔަރުކުރެއްވީ އެކަމުގައި އެނާ ބައިވެރިވެވަޑައިގެންނެވިކަމުގެ ތުހުމަތުގައެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކުރައްވާފައިވާ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަދިވެސް ހުންނެވީ ފުލުހުންގެ ބަންދުގައެވެ.