ޚަބަރު

ރަޝިޔާގެ އަތްދަށުން ޔޫކްރެއިން މިނިވަންކުރަން ތައްޔާރު: ޒެލެންސްކީ


ރަޝިޔާ ސިފައިންގެ އަތްދަށުން ޔޫކްރެއިން މިނިވަން ކުރުމުގެ މަސައްކަތް ފެށުމަށް ޔޫކްރެއިންގެ ސިފައިން ތައްޔާރުވެފައިވާ ކަމުގައި އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ޔޫކްރެއިންގެ އިރުމައްޗާއި ދެކުނާއި އިރުދެކުނުގެ ބައެއް ސަރަޙައްދުތައް މިހާރު އޮތީ ރަޝިޔާގެ އިސްތިޢުމާރީ ބާރުގެ ދަށުގައެވެ.

"ރަޝިޔާގެ އަތްދަށުން ޔޫކްރެއިން މިނިވަންކުރުމުގެ މަސައްކަތުގައި އަޅުގަނޑުމެންނަށް ކާމިޔާބީ ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް. އެ ކަން ހާސިލުވާނީ ކޮން އިރަކުންކަން ދަންނަވަން ދަތި. އަދި، ތެދަށް ދަންނަވާ ނަމަ، އެ ކަން ހިނގާނެ ގޮތް ސާފުކޮށް ބުނެދޭން ވެސް ނެނގޭ. ނަމަވެސް، އަޅުގަނޑުމެން މި ތިބީ އެ ކަން ކާމިޔާބުކުރަން ތައްޔާރަށް،" އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ނޫހަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް 15 މަސް ފުރިފައިވާއިރު، ޔޫކްރެއިންގެ ސަރަޙައްދުތައް މިނިވަންކުރަން ޚާއްޞަ ކެމްޕޭނެއް ފެށުމަށް ތައްޔާރުވަމުންދާ ކަން ޒެލެންސްކީ ވަނީ ކުރިން އިޢުލާނު ކުރައްވާފައެވެ. އަދި، ހަނގުރާމައިގެ ފުރަތަމަ ދުވަހުން ފެށިގެން އޭނާ ވަނީ ޔޫކްރެއިންގެ އަސްކަރިއްޔާއަށް ބޭނުންވާ ހަތިޔާރާއި އެހެނިހެން ސާމާނު ހޯއްދަވަން މަސައްކަތް ކުރައްވާފައެވެ.

އެ މަސައްކަތުގެ ނަތީޖާއަކީ ހުޅަނގުގެ ބާރުތަކުން އެއްގަލަކަށް އަރައި، ޔޫކްރެއިނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ފެށުމެވެ. ހަނގުރާމަ ފެށިއިރު ޔޫކްރެއިންގެ އަސްކަރިއްޔާއިން ބޭނުން ކުރަމުން ގޮސްފައި ވަނީ ކުރީގެ ރޫސީ ވިލާތުގެ ޒަމާނުގައި އުފައްދާފައިވާ ދުވަސްވީ ހަތިޔާރު ނަމަވެސް، މިހާރު އެ ޤައުމުގެ ސިފައިން ދަނީ އެންމެ ފަހުގެ ޒަމާނީ ހަތިޔާރު ބޭނުން ކުރަމުންނެވެ.

އެމެރިކާއިން އިސްވެ އޮވެ ހުޅަނގުގެ ބާރުތަކާ ގުޅިގެން ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ ހަތިޔާރުތަކުގެ ތެރޭގައި އެންމެ ފަހުގެ ޒަމާނީ އާޓިލަރީ ބަޑިޔާއި، ރޮކެޓާއި، މިސައިލާއި އަސްކަރީ ޓޭންކުފަހަރާއި އެހެނިހެން އުޅަނދުފަހަރު ހިމެނެއެވެ. އަދި، އެންމެ ފަހުގެ ދިފާޢީ ނިޒާމުތައް ވެސް އެ ޤައުމަށް ވަނީ ލިބިފައެވެ. އެމެރިކާގައި އުފައްދާ "އެފް-16" މަރުކާގެ އަސްކަރީ މަތިންދާބޯޓު ޔޫކްރެއިނަށް ފޯރުކޮށްދޭން ވެސް އެމެރިކާއިން ދާދިފަހުން ވަނީ ހުއްދަ ދީފައެވެ.

ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް އަސްކަރީ ކެމްޕޭން ފެށުން ޒެލެންސްކީ ފަސްކުރައްވަމުން ގެންދަވާފައި ވަނީ ޒަމާނީ ހަތިޔާރު ހޯދައި، ޔޫކްރެއިންގެ ފައުޖުތަކަށް އިތުރު ތަމްރީނު ދިނުމަށެވެ. އަދި، ހުޅަނގު ފޯރުކޮށްދީފައިވާ ހަތިޔާރުތަކާ އެކު ރަޝިޔާގެ ސިފައިންގެ މައްޗަށް ކާމިޔާބީ ހޯދުމަކީ ކުރެވޭނެ ކަމެއް ކަމުގައި އޭނާ ގަބޫލުފުޅު ކުރައްވައެވެ.

ރަޝިޔާގެ ފައުޖުތަކުން ދާދިފަހުން ވަނީ ޔޫކްރެއިންގެ އިރުމަތީ އޮންނަ ޑޮނެޓްސްކުގެ ރަށެއް ކަމުގައިވާ ބަޚްމުތަށް އަތްގަދަކޮށްފައެވެ. ނަމަވެސް، ޔޫކްރެއިނުން ބުނަމުން ދަނީ އެ ރަށުގައި އެ ޤައުމުގެ ފައުޖުތަކުން އަދިވެސް ހަރަކާތްތެރިވަމުންދާ ކަމުގައެވެ. މިހާރު ރަޝިޔާއިން އަތްގަދަކުރަން މަސައްކަތް ކުރަމުން ދަނީ ޑޮނެޓްސްކުގެ އެހެން ރަށެއް ކަމުގައިވާ މަރީންކާއަށެވެ. އެ ރަށަށް އެރުމަށް 14 ފަހަރެއްގެ މަތިން ރަޝިޔާގެ ފައުޖުތަކުން މަސައްކަތްކޮށް، ނާކާމިޔާބުވެފައިވާ ކަމުގައި ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެއެވެ.