ޚަބަރު

ޗާގޯސް މައްސަލައިގައި ނުރުހުން ފާޅުކޮށް އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބާއްވައިފި


ރާއްޖެއާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލައިގައި އިޓްލޮސްގެ ނިންމުމާގުޅިގެން ނުރުހުންފާޅުކޮށް އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބާއްވައިފިއެވެ.

އިދިކޮޅު ފަރާތްތަކުން ގުޅިގެން އުފައްދާފައިވާ ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުގެ ފަރާތުން "ބާނަ ބާނަ ތިއްބާ ތިޔަވިއްކާލީ ކަނޑު" މި ނަމުގައި މި ޖަލްސާ ބާއްވާފައި ވަނީ މިރޭ ކާނިވާ ސަރަޙައްދުގައެވެ.

މި ޖަލްސާގައި އިދިކޮޅު ޕީ.ޕީ.އެމް ޕީއެންސީ ކޯލިޝަނާއި، ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރާއި، އެމް.އެން.ޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި، ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރާއި، ކުރީގެ ހޯމް މިނިސްޓަރ ޢުމަރު މަނިކު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ތާޢިދުކުރައްވާ ބައެއް މެންބަރުންވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މި އެއްވުމުގައި ވާހަކަދެއްކެވި ބޭފުޅުން ވަނީ ޗޯގާސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ބައެއް ގެއްލިފައިވާކަމަށް ތުޙުމަތުކުރައްވާ، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރެއްވުމުގެ ޝަޢުގުވެރިކަން ފާޅުކުރައްވާފައިވާ ބައެއް ބޭފުޅުން ކުރީ ސަފުން ފެނިގެންދިޔަ މި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ބައިވެރިވެޑައިގެންފައެއްނުވެއެވެ. މި އެއްވުމާގުޅޭގޮތުން ޤާސިމް ވިދާޅުވެފައިވަނީ މި ޖަލްސާއިން ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުން ނޫން ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ.

ރާއްޖެއާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލައިގައި އިޓްލޮސްއިން ނިންމެވި ނިންމެވުމާ ނުރުހުން ފާޅުކޮށް އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބާއްވާފައިވާއިރު، މި މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް، ރާއްޖެއިން ހުށައެޅިގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން) އިން ވަނީ ނިންމާފައެވެ. ކަނޑުގެ ފުށުއަރާ ސަރަޙައްދުން ބޮޑު ބައި ކާމިޔާބުކުރީ ރާއްޖެއިން ރަނގަޅު ގިނަ މަސައްކަތްތަކެއް ކޮށްގެންކަމުގައި ބައިނަލްއަޤްވާމީ ވަކީލުންވެސް ހާމަކުރައްވާފައިވެއެވެ.

ރާއްޖެ އާއި މޮރީޝަސްއާއި ދެމެދު ފުށުއަރާ ސަރަޙައްދުގައި 95000 އަކަ ކިލޯމީޓަރުގެ ސަރަޙައްދު ހިމެނެއެވެ. ސަރަޙައްދުގެ 47000 އަކަ ކިލޯމީޓަރު ވަނީ ރާއްޖޭގެ އިމުގެ ގޮތުގައި އިޓްލޮސްއިން ކަނޑައަޅާފައެވެ. މޮރިޝަސްއަށް ލިބިފައިވަނީ 45000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެވެ. އިން ކަނޑައަޅުމުގެ މައްސަލަ ކާމިޔާބުކުރުމަށް ރާއްޖެއިން ކުރި މަސައްކަތަށް ޤާނޫނީ ވަކީލުންވެސް ވަނީ ތަޢުރީފް ކުރައްވާފައެވެ.