ކުޅިވަރު

ނ.ހޮޅުދޫގައި ކުޅިވަރު އެކަޑަމީއެއް ހުޅުވައިފި


ނ.ހޮޅުދޫގައި ކުޅިވަރު އެކަޑަމީއެއް ޤާއިމްކޮށް، ކުޅުންތެރިން އުފެއްދުމުގެ މަސައްކަތް ފެށީ މިދިޔަ 2015 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ޒުވާނުންގެ އެވޯޑް ހާޞިލްކުރެއްވި މޫސާ އިބްރާހީމްއެވެ. މިއެކަޑަމީއަކީ ހޮޅުދޫގެ ކުޅިވަރުގެ ކުރިއެރުމަށާއި، ދުޅަހެޔޮކަމަށް ވިސްނައިގެން ފަރުމާކޮށްފައިވާ އެކަޑަމީއެކެވެ.

 މޫސާ އިބްރާހީމްގެ އެކަޑަމީ އިފްޠިޠާހުކޮށްދެއްވީ ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު ޒުހޫރެވެ. ހޮޅުދޫގެ ޒުވާނުންނާއި، އަންހެނުންނާއި ކުޑަކުދިންވެސް ބައިވެރިވި ރަސްމިއްޔާތެއްގައި އެކަޑަމީ އިފްޠިޠާހުކޮށްދެއްވުމަށްފަހު މިނިސްޓަ ވިދާޅުވީ ޒުވާނުން ކުރާ މިފަދަ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެއްވާނެކަމަށާއި، މިފަދަ މަސައްކަތްތަކަށް ހިތްވަރުދެއްވާކަމަށެވެ. ހޮޅުދޫގައި އިފްތިތާހުކުރެއްވި އެކަޑަމީއަށް އެރަށުގައި ހުރި ކުޅިވަރުގެ ހުރިހާ ވަޞީލަތްތައް ބޭނުންކުރުމުގެ ފުރުޞަތު ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މިއެކަޑަމީއާއި ޔޫތް މިނިސްޓްރީއާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މިރަށު ޔޫތް ސެންޓަރާއި، އެހެންވެސް ކުޅިވަރު ކުޅޭ ތަންތަން ހިންގާނީ މިއެކަޑަމީގެ ދަށުން. މިއެކަޑަމީގެ ދަރިވަރުންނަށް ބޭނުންކުރެވޭގޮތަށް. ވަރަށް އަވަހަށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރާނެކަމުގެ ޔަޤީންކަން އަރުވަން." މިނިސްޓަރ ވިދާޅުވިއެވެ.

އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ އަބުދުﷲ ޖިވާދުވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާން ވިދާޅުވީ ސަރުކާރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުޅިވަރު އެރީނާތައް ޤާއިމްކުރައްވާއިރު، އެތަންތަނުގެ ބޭނުންކުރާނެ ބަޔަކުވެސް ތިބެންޖެހޭކަމަށެވެ. މިފަދަ އެކަޑަމީތަކުން ނިކުންނަ ކުދިންނަނީ، ޒުވާނުންނަކީ ސްޕޯރޓްސް އެރީނާތަކުގެ ބޭނުން ހިފާނެ ޒުވާނުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެރީނާތައް ހަދާއިރު އެތަންތަން ބޭނުންކުރާނެ ބަޔަކުވެސް ތިބެން އެބަޖެހޭ. މިއެކަޑަމީން ކުރާނެ ކަމަކީ އެރީނާތަކުގެ ބޭނުންކުރާނެ ބަޔަކު އުފެއްދުން. ކުޅިވަރު ކުޅެން ދަސްކޮށްދިނުން." ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މޫސާ އިބްރާހީމް ބުނީ މިއީ އޭނާގެ ކުޅިވަރުގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްކަމަށާއި، މިއެކަޑަމީ ވެގެންދާނީ ބައިނަލްއަޤްވާމީ މިންގަނޑަށް ފެތޭ އެގޮތަށް ބައްޓަން ކުރެވިފައިވާ އެކަޑަމީއަކަށްކަމަށެވެ.

" ކޮންމެ ކުއްޖަކުވެސް ހަފްތާއަކު 120 މިނިޓް މިއެކަޑަމީގައި ހޭދަކުރާނެ. އެ 120 މިނިޓް އަޅުގަނޑު ބަހާލާފައިވާނީ ހަފްތާއަކު ދޭއް ނުވަތަ ތިން ދުވަހަށް. މިއެކަޑަމީގަ ހިމެނޭނީ 9 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށް." މޫސަ ބުންޏެވެ.

މިއެކަޑަމީން ހަތަރު ކުޅިވަރަކުން ކުރިއަށްދިއުމުގެ ފުރުޞަތު ލިބޭނެއެވެ. އެއީ ފުޓްބޯޅައާއި، ވޮލީބޯޅައާއި، ނެޓްބޯޅައިގެ އިތުރުން ސްވިމިންގއެވެ. މީގެއިތުރުން ފިޒިކަލް އެޑިއުކޭޝަންގެ ބައިވެސް މިއެކަޑަމީގައި ވަނީ ހިމަނާފައެވެ. އެކަޑަމީ ކުރިއަށްގެންދާ މޫސާ އިބްރާހީމްއަކީ ބީ ލައިސަންސް ފުޓްބޯޅަ ކޯޗެކެވެ. އަދި ވޮލީބޯޅައާއި ނެޓްބޯޅައިގެވެސް ބައެއް ކޯސްތައް އޭނާ ވަނީ ފުރިހަމަކޮށްފައެވެ. އެކަޑަމީގެ އޮފީސްވެސް ހޮޅުދޫގައި ހުޅުވައި، އެކަޑަމީގެ އެކި ކުޅިވަރުތަކުގައި ބޭނުންކުރާނެ ޖަރޒީވެސް ވަނީ ދައްކާލާފައެވެ. އޮފީސްވެސް ހުޅުއްވައިދެއްވީ ޔޫތް މިނިސްޓަރ އަހުމަދު ޒުހޫރެވެ.