ޚަބަރު

ޒުވާނުން މާޔޫސްވާކަށް ނުޖެހޭ - ޔޫތް މިނިސްޓަރ


ޒުވާނުން މާޔޫސް ނުވުމަށާއި، އުއްމީދުތައް އާކުރުމަށް ކުޅިވަރާއި ޒުވާނުންގެ ވަޒީރު އަހުމަދު ޒުހޫރު ގޮވާލައްވައިފިއެވެ. އެމަނިކުފާން މިކަމަށް ގޮވާލެއްވީ ނ.ހޮޅުދޫގެ ޒުވާނެއްކަމަށްވާ މޫސާ އިބްރާހީމް އެރަށުގައި ފެށި ކުޅިވަރު އެކަޑަމީ އިފްތިޠާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

މިނިސްޓަރ ވިދާޅުވީ ޒުވާނުން އެއްގޮތަކަށްވެސް މާޔޫސްވާން ނުޖެހޭކަމަށާއި، އުއްމީދުކުރަން ޖެހޭކަމަށެވެ. އަދި ޒުވާނުން ވިއްސިވިހާލިވެ، ނޭދެވޭ އަމަލުތަކަށް ދާން ނުޖެހޭކަމަށާއި، މަސްތުވާތަކެތީގެ ވަބާގައިވެސް ޖެހެން ނުޖެހޭކަމަށެވެ. އެމަނިކުފާން ވިދާޅުވީ ސަރުކާރުން ގެންދަވަނީ ޒުވާނުންނަށްޓަކައި ވަރަށް ބޮޑު ޤުރުބާނީއެއް ވެވަޑައިގަންނަވަމުންކަމަށާއި، އެކަން ބަލައިގަނެ ޒުވާނުންނަކީ ޤައުމަށް ފައިދާހުރި ޤައުމުގެ ތަރައްޤީގައި ކުރެވޭ މަސައްކަތްތައް ބަލައިގަނެ، އެކަމުގައި ބައިވެރިވާންޖެހޭކަމަށެވެ.

" އަޅުގަނޑުމެންނަށް ދިމާވާ ކޮންމެ ހިތްދަތިކަމެއްގައި އަޅުގަނޑުމެން ލާންވީ އިތުރު ހިތްވަރެއް. އަޅުގަނޑުމެން އާކުރަންވީ އަޅުގަނޑުމެންގެ އުއްމީދު. މިއަދުގެ ސަރުކާރުން ގެންދަވަނީ ޒުވާނުންނަށްޓަކައި ވަރަށްބޮޑު ޤުރުބާނީއެއް ވަމުން. މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ޒުވާނުންނާ އެކު، އެޒުވާނުންނަށް ތަނަވަސްކަން ހޯއްދަވައިދެއްވާ، މުއްސަނދި ބަޔަކަށް ހައްދަވައިދެއްވުމަށް." މިނިސްޓަރ ވިދާޅުވިއެވެ.